މިއަހަރުގެ ފެބްރުއަރީ މަހު 28 ވަނަ ދުވަހު އެމެރިކާގައި ރިލީޒްކުރި އިނގިރޭސި ފިލްމެއްކަމަށްވާ "ސަން އޮފް ގޯޑް" ފިލްމަކީ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ގެންގުޅުން މަނާ ފިލްމެއްކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކަނޑައަޅައިފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މިއަދު ބުނީ އެ ފިލްމުގައި ޢީސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުންގެ މައިކަނބަލުން، ސަލާމް ލެއްވި މަރިޔަމް ގެފާނާއި އެބޭކަނބަލުންގެ ނަބަވީ ޚާންދާނަށް ނިސްބަތްކޮށް ފުރަސްސާރަކޮށްފައިވާ ކަމަށެވެ.

އެގޮތުން އިސްލާމީ އަގީދާއާއި ހިލާފުވާގޮތަށް ނަސާރާއިން ގެންގުޅޭ އިންޖީލާއި އެދީނުގެ އަގީދާގެ މައްޗަށް ބިނާކޮށް އެ ފިލްމުގައި ޢީސާ ޢަލައިހިއްސަލާމް އަކީ މާތްﷲ ގެ ދަރިކަލެއްކަމާއި، ރައްކައުވެވަޑައިގަތުމާއި، އެކަލޭގެފާނު ދީނަށް ގޮވާލެއްވުމާއި، އެކަލޭގެފާނު ސޮލީބުކުރެއްވި ޣަރީޒިއްޔަ މަރަކުން އަވަހާރަވުމަށްފަހު އަލުން ދުނިޔެއަށް ފޮނުއްވިކަމަށް އެ ފިލްމުން ދައްކުވައިދޭ ކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ބުންޏެވެ.

އެހެންކަމުން އެ ފިލްމަކީ ދިވެހިން ތަބާވާ އިސްލާމީ އަގީދާއާއި ފުށޫއަރާގޮތަށް ކީރިތިގުރުއާނާއި އިސްލާމީ ސީރަތުގައި ބަޔާންވެގެންވާ ގޮތާއި ޚިލާފަށް ރަސޫލުބޭކަލުންގެ ގަދަރާއި އިޙްތިރާމް ގެއްލި، ވާހަކައިގެ އަސްލު އޮޅޭގޮތަށް އުފައްދާފައިވާ ފިލްމަކަށް ވާތީ ގާނޫނު އަސާސީގެ ދަށުން، އެ ފިލްމަކީ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުން މަނާ ފިލްމެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ވީމާ މި ފިލްމު ދިވެހިރާއްޖޭގައި ވިއްކުމާއި، ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓް ކުރުމާއި، ބެލުމާއި އަދި އެހެން މީހަކަށް ދެއްކުމަކީވެސް މަނާކަމެއްކަމުގައި އަންގަމެވެ،" ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ބުންޏެވެ.

ދިވެހިރާއްޖޭގައި ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން އެ ތަކެއްޗަކީ ދިވެހި މުޖުތަމައު ބަލައިގަންނަ، އިސްލާމްދީނުގެ ހަމަތަކާއި ހިލާފުނުވާ އުފެއްދުންތަކެއްތޯ އެ ބިއުރޯއިން ދަނީ ބަލަމުންނެވެ.