31 Dec 2014, 14:11
ރާއްޖޭގައި މެރީޓައިމް ވިޔަފާރި ފުޅާކޮށް އެ ސިނާއަތު ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމަންޓް ކޮންވެންޝަންގައި ރާއްޖެ އިން މިއަދު ސޮއިކުރުމަށް ނަސަންދުރަ ޕެލެސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތަށްފަހު އިކޮނޮމިކް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޕޯޓުތައް ގާއިމްކުރަން ސަރުކާރުން ނިންމުމަކީ މެރިޓައިމް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޭނުންވާކަން ހާމަވެގެންދާ ކަމުގެ ހެއްކެއް ކަމަށެވެ.
"ދިވެހިރާއްޖޭގައި މެރީޓައިމް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ލަގްޒަރީ ޔޮޓްސް ނުވަތަ ލަގްޒަރީ ބޯޓު ފަހަރު އެކެއް އޭޕްރީލުން ފަށައިގެން މިވަނީ ޑިއުޓީވެސް މައާފްކުރެވިފައި. މިއީވެސް ކަނޑުދަތުރުގެ ވިިޔަފާރި ނުވަތަ އެކަމާ ގުޅޭ ފަތުރުވެރިކަންވެސް ފުޅާވެގެންދާނެ ކަމެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ދިވެހިރާއްޖެއަށް އެތެރެވާ ބޭރުގެ ފައިސާގެ ތެރެއިން 70 ޕަސެންޓު ބަރޯސާ ވެގެންދަނީ ފަތުރުވެރި ކަމުގެ ދާއިރާއަށް ކަމަށާއި ފަތުރުވެރި ކަމަކީ އޭގެ ޒާތުގައި މެރީޓައިމް ވިޔަފާރިއާ ވަރަށް ބޮޑަށް ގުޅުހުން ހުރި އެއްޗެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މެރީޓައިމް ދާއިރާ އަކީ މީގެ ކުރިން 1500 ދިވެހިން އެ ސިނާއަތުގައި މަސައްކަތް ކުރަމުން އައި ދާއިރާއެއް ކަމަށާއި އެހެންނަމަވެސް އެ ދާއިރާ އެހާ ބޮޑަށް ހީނަރުވެފައި ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެ ސިނާއަތް އިތުރަށް ފުޅާކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެކަމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.