31 Dec 2014, 13:52
ކާރެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާތަކެއް ނެގި ކަމުގެ ތުހުމަތުގައި އާތާބްރަދާސްއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ހ. އެވަޗާންސް އަހްމަދު ވިޝާލް އާއި އިތުރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އާތާ ބްރަދާސް އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ އަރުމޭނިޔާގެ ދެ މީހަކަށް ނިސްބަތްވާ ކުންފުންޏެވެ.
ވިޝާލްގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ މެހުރާ އަލީ މިސްބާހުގެ މައްޗަށެވެ.
އެ ދެ މީހުންގެ އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ކާރެއް ވިއްކާނެ ކަމަށް ބުނެ ކ. ހުރާ ހެޕީނައިޓް މުހައްމަދު ޝަފީގުގެ އަތުން 80،000 ރުފިޔާ މަކަރާއީ ހީލަތުން ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ ޝަފީގަށް ކާރެއް ވިއްކާނެ ކަމަށް ބުނެ ވިޝާލްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ ކްރޯނާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި ވިޝާލްގެ ޕާޓްނަރެއް ކަމަށް ބުނެ މިސްބާހު އެ އެއްބަސްވުމުގައި ސޮއިކޮށް ޑައުންޕޭމަންޓުގެ ގޮތުގައި ޝަފީގުގެ އަތުން 80،000 ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި ވަނީ މިސްބާހު އެކަންޏެވެ. އޭނާ ވަކީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އޭނާ އަށް އެ ފުރުސަތު ދިނުމަށްފަހު އެވެ.