31 Dec 2014, 13:51
ހިމާޔަތްކޮށްފައި ހުންނަ ތަކެތި ނަގާ ފަރާތްތައް 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް ޖެނުއަރީ މަހުގެ ތެރޭގައި ގަވާއިދެއް އެކުލަވާލައި ގެޒެޓުކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ވެލައެއް ފަޅައި، އޭގެ ބިސްނަގާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝިއަލް މީޑިއާގައި އާންމު ވުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓރީގެ ސީނިއާ ރިސާޗް އޮފިސަރު އާދަމް ޒިޔާދު ވިދާޅުވީ، ހިމާޔަތްކޮށްފައި ވާ ތަކެއްޗާ ބެހޭ ގަވައިދެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ ލަފާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ގަވާއިދާ ގުޅުން ހުރި މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހިމާޔަތްކޮށްފައި ވާ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން، ކުރާ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 10 މިލިއަން ރުފިޔާ އާ ހަމައަށް އެކަން ކުރާ ފަރާތެއް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެ ގަވާއިދުގެ ދަށުން އަދަބު ދިނުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގަވާއިދުގެ ދަށުން ޖޫރިމަނާތަށް މިހުންނަނީ، ކުރާ ކުށެއްގެ ކުޑަ ބޮޑު މިނަށް ބަލާފައި، އެކުށެއްކޮށްގެން އެފަރާތަކަށް ލިބޭނެ އިގްތިސާދީ ނަފާއަކަށް ބަލައި ޖޫރިމަނާ ކުރާގޮތަށް ނިންމާފަ ހުންނާނި، އެގޮތުން ލިބޭ ނަފައެއްގެ ދިހަ ގުނަ އަށް ޖޫރިމަނާކުރާގޮތަށް ގަވާއިދުގައި ހިމަނާފަ ވާނެ،" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ކައުންސިލް ތަކާއި އެޖީއޯސްތަށް ހޭލުންތެރި ކުރުވައި، ބާރުވެރިކުރުވައިގެން ހިމާޔަތްކޮށްފައި ވާ ތަކެތި ހިފުމުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައި ވާކަމަށާއި، އެހެންނަމަވެސް އެކަމުން މާބޮޑުކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. އަދި އާ ގަވާއިދެއް އެކުލަވާލުމަށް މަސައްކަތް ކުރަނީ އެ ސަބަބާ ހުރެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
މޯލްޑިވްސް ރިސާޗް ސެންޓަރގެ ޑިރެކްޓަރި ޖެނެރަލް ޑރ. މުހައްމަދު ޝިޔާމު އާދަމް ވިދާޅުވީ، އަތޮޅުތަކުން އަހަރަކު 25،000 ނުވަތަ 20،000 ވެލާ ރާއްޖޭގެ އެކި އެކި ގޮނޑުދޮށްތަކަށް އަރާކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައި ވާ ކަމަށާއި، މިއަދަދު ދައްވަމުން ގޮސް ދައްވީކަމަށެވެ. އަދި ވެލައަކީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ޑރ. ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
"ބީޗުގެ ވެލިގަނޑުތަށް، ފަރޓިލައިޒްކޮށް ބީޗް ސްޓެބަލައިޒްކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެއް ވެލަޔަކީ." ޑރ ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ހުސައިން ޝިނާނު ވިދާޅުވީ "ސުފުރާތަށް ފުރާލަން" ވެލާމަސް ބޭނުން ނުކުރަން އާދަކުރަން ޖެހޭ ކަމަށެވެ. އަދި ވެލަޔަކީ ﷲ ސުބުހާނަހޫ ވަތާއާލާ ކަނޑުގައި ލައްވާފައިވާ ރިޒްގެއް ކަމަށާއި، އެހެންނަމަވެސް ރިޒުގު އޭގެ އެންމެ ހެޔޮގުގައި ބޭނުން ކުރުމަށް ﷲ ސުބުހާނަހޫ ވަތައާލާ އަންގަވާފައިވާކަމަށް ޝިނާން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ހަދާފައި ހުރި ދިރާސާތަކުން އެބަ ދައްކާ، ވެލާ ކަނޑުއަޑީގައި އުޅެން ދޫކޮށްލުމަކީ، އެ ނަގައިގެން ބޭނުން ކުރުމަށްވުރެ، އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށް" ޝިނާން ވިދާޅުވިއެވެ.
ސޯޝިއަލް މީޑިއާގައި މާޅޮހު ރައްޔިތުންތަކެއް ވެލައެއް ފަޅާއިގެން، އޭގެ ބިސް ނެގުމަށް ހަރަކާތްތެރިވާ ފޮޓޯތަކެއް ފޭސްބުކްގައި ވަނީ އާންމުވުވެފަ އެވެ. ފޭސްބުކްގައި މީހަކު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ބަޔަކު ވެލައެއްގެ ފައިގާ ވާޖަހައިގެން ނެގުމަށް ފަހު، އޭތި ފަޅާލާ މަންޒަރެވެ. އަދި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ވެލާގެ ތެރެއިން ބިސް ނަގައި އޭގެ މަސް ކޮށާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ. ވެލާގައި ހިމެނޭ ސަރުބީގަނޑު ނެގުމަށް ފަހު ކައްކާ މަންޒަރާއި ވެލާ މަސް ކެއްކުމަށް ފަހު ހުންނަ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.
މިހާރު ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.