31 Dec 2014, 13:16
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ހދ. ހަނިމާދޫގައި "ޕްރެޒިޑެންޓް ކަޕް"ގެ ނަމުގައި ކުރިއަށް ގެންދާ އަންހެން ވޮލީ މުބާރާތުގެ ފައިނަލަށް މުރައިދޫ އަންހެނުންގެ ބަދަހި ގުޅުމާއި އިހަވަންދޫ ޕޯލްސްޓާ ދަތުރުކޮށްފިއެވެ.
އުތުރުގެ ދެއަތޮޅުކަމަށްވާ ހއ. އަދި ހދ. ރަށްތަކުން 10 ޓީމެއް ބައިވެރިވެގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުން މެޗުން މޮޅުވެގެން އިހަވަންދޫ ޓީމެވެ. ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބާ ބައްދަލުކޮށްގެން އިހަވަންދޫ ޓީމު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމު ފާތިމަތު ޝަނީޒާ އެވެ.
ރޭ ކުޅުން މެޗުން މޮޅުވެ މުރައިދޫ ޓީމު ފައިނަލަށް ދިޔައީ ހޯރަފުށީ ބެލެނިވެރިންގެ ގުޅުމާ ބައްދަލުކޮށް މެޗުން 3-1 ސެޓުންނެވެ. އެމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުރައިދޫ ޓީމު ފާތިމަތު ސަމާއެވެ.
މުބާރާތުގެ ފައިނަލް މާދަމާ ކުޅުމަށް ހަމަޖެހިފައވާއިރު އިއްޔެ ކުޅުން މެޗުން ބަލިވި ދެ ޓީމުގައި ކުޅޭ މެޗު މިއަދު ހަވީރު އޮންނާނެއެވެ. ދެވަނަ ރަނަރަޕް ޓީމުގެ މަގާމަށް ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ހޯރަފުއްށީ ޓީމާއި ދިއްދޫ ޓީމެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަމް ހުވާސް އާއި ހޯރަފުއްށި ބެލެނިވެރިންގެ ގުޅުމާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނާވައިދޫ އަންހެނުންގެ ބަދަހި ގުޅުން އަދި އިހަވަންދޫ ކްލަބް ޕޯލްސްޓާއެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ނޮޅިވަރަމް އެސޯސިއޭޝަން އޮފް ނީޑްސް އެންޑް ޑީޑްސް (އޭއެންޑީ) އާއި ދިއްދޫ ޓީނޭޖް ސްޕޯޓްސް ކްލަބާއި ހަނިމާދޫ ސާއްބަ އެކުވެރިންގެ ކްލަބާއި ނޮޅިވަރަންފަރު ޔޫތު ޑީވެލޮޕްމެންޓް އަދި މުރައިދޫ އަންހެނުންގެ ގުޅުމެވެ.