04 Feb 2011, 21:12
ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ރައީސް ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިނގާ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް(ޓީސީއެލް) ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީ ލޯޑް ކުންފުނިން އެ މަޝްރޫއު ފެށުމަށް މިއަދު ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރިޔާޒު ވިދާޅުވީ ހެވީލޯޑަށް ތިލަ ފުށި ހިއްކަން ހަވާލުކޮށްފައިވަނީ ފައިސާ އާއި ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ އެ ކޯޕަރޭޝަން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެން ހުރި ކަންތައްތައް ކޮށްދިނުމަށް ކަމަށާއި ހެވީލޯޑަށް އެ މަސައްކަތަތް ހަވާލުކުރީ އެ ކުންފުންޏަކީ އެކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ވާތީ ކަމަށެވެ.
"ހެވީލޯޑަށް ޕުރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިގާ. އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑުމެންގެ ބޯޑާ ރައީސް (ނަޝީދު) ބައްދަލުކުރައްވާފަ ވިދާޅުވި ތިޔަބޭފުޅުން މަސައްކަތް ކުރައްވަނީ ގައުމަށް، ރައްޔިތުންނަށް ނޫންތޯއޭ. އެގޮތުގައި އަޅުގަނޑުމެން މި ތިބީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި. އަޅުގަނޑަށް ޔަގީންކަން އެބައޮތް ހެވީލޯޑަށް އެކަން ކުރެވޭނެ ކަން. އެކަމުގެ ގާބިލްކަން އެބޭފުޅުންގެ އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ތިލަފުއްޓައްވެސް މިހާރު ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި ބިމަށް އިތުރުކުރެވޭ ބަޔަށް މާލޭގެ ކާރޫބާރު ބޮޑު ޕޯޓުވެސް ބަދަކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ވިޔަފާރިތަށް ފެއްޓުމަށް އެތަނުން ބިން ދޫކުރެވޭނެ ކަމަށެވެ.
"އަޅުގަނޑަށް ކޮންމެ ދުވަހަކުވެސް އަންނަ ޝަކުވާއަކީ ކޮންމެވެސް މަސައްކަތެއް ކުރަން ބިންކޮޅެއް ނުލިބިގެން އުޅޭ ވާހަކަ. އެކަމަކު މިއަދު މި ފެށުނު މަޝްރޫއުގެ ސަބަބުން އެކަމަށް ހައްލެއް އަންނާނެ. އޭރުން ތިލަފުށިން ލިބޭ އާމްދަނީވެސް އިތުރު ވާނެ،" ރިޔާޒް ވިދާޅުވި އެވެ.
މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ހެވީލޯޑް ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ރައީސް ރީކޯ މުސާ މަނިކުވިދާޅުވީ ރާއްޖޭގެ ފަޅުތައް ބޭރުގެ ކުންފުނިތަކުން ހިއްކުމަކީ ދެރަވާންޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ހެވީލޯޑް ކުންފުންޏަކީ ރާއްޖޭގައި ފަޅުތައްހިއްކުމުގެ ގާބިލްކަން ލިބިގެންވައި ދިވެހި ކުންފުންޏެއް ކަމަށާއި އެކުންފުނިން އެކަން ކުރާނެ ކަމަށެވެ.
"އަޅުގަނޑު ހެވީލޯޑް އުފެއްދިއިރުވެސް އަޒުމަކަށް ވެފައި އޮތީ ރާއްޖޭގެ ބިންތަކާއި ފަޅުތައް ދިވެހި ކުންފުންޏަކުން ހިއްކުން. މިހާރު ގިނަ ފަޅުތައް ހިއްކަމުން މި އަންނަނީ ބޭރުގެ ކޮންމެވެސް ކުންފުންޏަކުން. ތިބޭފުޅުންނަށް މިހާރު އެނގޭނެ މިތަނަށް ބަލައިލީމަ އަޅުގަނޑުމެންނަށް މިކަން ވާނެ ކަން އަޅުގަނޑުމެން މިކަންކުރާނަން،" ރީކޯ މޫސަ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ތިލަފުށީ ކޯފަރޭޝަން އާއި އެކު ހެވީލޯޑުން ވި އެ އެއްބަސްވުމުގެ ދަށުން ހެވީ ލޯޑުން ހަ މަސް ދުވަހުގެ ތެރޭގައި ތިލަފުށީގެ ބިމުން 130 ހެކްޓަރު ބިން ހިއްކާނީ 269.85 މިލިޔަން ރުފިޔާއަށެވެ. އެއީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.