ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން މުބާރާތްތަކުގެ ތެރެއިން ޒޯން ތިނެއްގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު އުނގޫފާރު ހޭހަން ރެކްރިއޭޝަން ކްލަބް ކާމިޔާބު ކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުނު އެ މެޗުގައި ހޭހަން ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ވާދަކުރީ ނައިފަރު ސެންސް ޓީމެވެ. އެ މެޗު ހޭހަން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، އެ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވެގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ހޭހަން ޓީމަށް ލީޑު ހޯދަދިނީ މެޗުގެ ދެވަނަ ހާފްގައި އެ ޓީމްގެ އަހުމަދު މުއާޒު އެވެ. އަދި ހޭހެންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑް އެ ޓީމަށް އިތުރަށް ފުޅާކޮށްދިނީ އެ ޓީމްގެ ހަސަން ޝުޖާއު އެވެ.

އުނގޫފާރު ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ ޒޯން ތިނެއްގެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އުނގޫފާރު ހޭހަން ޓީމާއި ނައިފަރު އައިޑިއާސް މޫވްމަންޓެވެ.

މިމަހުގެ 29 ވަނަ ދުވަހު ފެށި ޒޯން ތިނެއްގެ މުބާރާތުގައި ތިން ޓީމެއް ބައިވެރިވެފައި ވާއިރު، އެ މުބާރާތުގައި ރ. އަތޮޅުގެ ހަމައެކަނި ޓީމެއްގެ ގޮތުގައި ބައިވެރިވީ އެ އަތޮޅު އުނގޫފާރު ހޭހަން ރެކްރިއޭޝަން ކްލަބެވެ. އަދި އެ މުބާރާތުގައި ޅ. އަތޮޅު ނައިފަރަށް ނިސްބަތްވާ ދެ ޓީމް ބައިވެރިވެފައި ވާއިރު، އެ ރަށުން އެ މުބާރާތުގައި ބައިވެރިވި ދެ ޓީމަކީ ސެންސް އާއި އައިޑިއާސް މޫވްމަންޓެވެ.

ޒޯން ތިނެއްގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ބައިވެރިވި ތިން ޓީމުގެ މެދުގައި އެއް ރައުންޑް ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގައި ފައިނަލް މެޗެއް ކުޅޭ ގޮތަށެވެ.