31 Dec 2014, 13:07
ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއްގައި ވެސް ގައުމީ މަސްއޫލިއްޔަތަކާއި ގައުމީ ވާޖިބެއް އޮންނަން ޖެހޭ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމަންޓް ކޮންވެންޝަންގައި ރާއްޖެ އިން ސޮއިކުރުމަށް މިއަދު ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަޒީފާގެ ބާޒު ފަގީރެއްނޫން ކަމަށާއި ދިވެހިންގެ ވަޒީފާގެ ބާޒާރަކީ މުއްސަނދި ބާޒާރެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކުންފުނިތަކާއި އަޅުގަނޑުމެންގެ ތެރެއިން ސްކޫލް ނިމޭ އަދި މައިންބަފައިންނާ އެކީ އެކައްޗެއް ކިއައިގެން ގައުމީ ކަމެއްގެ ގޮތުގައި މި ވަޒީފާތަކަށް އަހުލުވެރިވެ އަދި މިވަޒީފާތަކަށް ދޭން ބޭނުންވާ ތަމްރީނުތައް އެފަދަ ހުނަރުވެރި ނުވަތަ ސްކޫލް ނިމޭ ކުދިންނަށް ދީގެން ދިވެހި ރާއްޖޭގެ އިގްތިސާދަށް މީގެން ފައިދާތަކެއް ކުރާނެ ގޮތަށް މިކަންތައްތައް ބައްޓަން ކޮށްގެން ދިއުން." ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ސޭޓުންގެ ވަޒީފާ އަކީ ދިވެހިންނަށް ކުރެވޭނެ ވަޒީފާއެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ވިޔަފާރިއެއްގައި ގައުމީ ވާޖިބެއް އޮންނަން ޖެހޭ ކަމަށާއި ގައުމީ މަސްއޫލިއްޔަތެއް ވެސް އޮންނަން ޖެހޭ ކަމަށެވެ.
"އެއްވެސް އިކޯ ސިސްޓަމެއް ފުރިހަމައެއް ނުވާނެ ގައުމީ ވާޖިބެއް ނެތް ނަމަ. އަޅުގަނޑުމެން މިކަން ނިންމި އިރު އަޅުގަނޑުމެންނަށް އިނގޭ ވިޔަފާރިތަކަށް ކުރާނެ އަސަރު. ދިވެހި މުޖުތަމައުއަށް މިފަދަ ކޮންމެ ނިންމުމަކުން ކުރާނެ އަސަަރު. މި އަސަރަކީ ޕޮޒިޓިވް އަސަރެއް. މި އަސަަރަކީ މިކަމުގެ ސަބަބުން ގެއްލުމެއް ވާނެ ކަމެއް ނޫން. އަޅުގަނޑަށް ގަބޫލުުރެވޭ ގޮތުގައި މިނިންމުމުގެ ސަބަބުން 5000 ވަރަކަށް ވަޒީފާ އުފެދިގެން ދާނެ." ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ރޭ ވަނީ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތާންގައި ބިދޭސީން ސޭޓުންގެ ގޮތުގައި ތިބުމަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފަށައިގެން ކޯޓާ ދޫ ނުކުރާ ގޮތަށް ނިންމައިފައި އެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބިދޭސީން ސޭޓުންނަށް ތިބުމަކީ މަނާކަމެއްގެ ގޮތުގައި އިކޮނަމިކް މިނިސްޓްރީ އިން ވަނީ ކަނޑައަޅާފަ އެވެ.