މެރިޓައިމް ސިނާއަތަކީ މުޅި ދުނިޔެ ވެސް ބަލައިގަންނަ ސިނާއަތެއް ކަމަށާއި އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނާ މެދު ފަހުރުވެރިވާ ސިނާއަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމަންޓް ކޮންވެންޝަންގައި ރާއްޖެ އިން މިއަދު ސޮއިކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ސޮއިކުރި ކޮންވެންޝަންގައި ރާއްޖެއަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހަތަރު ވަނަ އަށް ސޮއިކުރި އެއްބަސްވުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް އެ ކޮންވެންޝަންގައި ސޮއިކޮށްފައި ވަނީ 28 ގައުމަކުން ކަމަށެވެ.

"އަދި މީގެ ތެރެއިން ވެސް ސައުތު އޭޝިއާގެ ތެރެއިން ވެސް މިހާރު ވާނީ ޖުމްލަ ހަތަރު ގައުމު އައިޑެންޓިޓީ ޑޮކިއުމަންޓުގައި ސޮއިކޮށްފައި. ފަތުރުވެރިކަމާއި ބޯޓު ދަތުރު ކުރުމަކާއި މާބޮޑު ތަފާތުކަމެއް ނުހުންނާނެ." ސައީދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އަށް ލިބިފައިވާ ކަނޑުގެ މުއްސަނދިކަން ލިބިގަންނަން ޖެހޭ ކަމަށެވެ. ދިވެހި ރާއްޖޭގެ ބޯޓު ދަތުރުކުރާ މީހުން މުޅި ދުނިޔެ ބަލައިގަތީ ވަރަށް ފެންވަރު ރަނގަޅު ބައެއްގެ ގޮތުގައި ކަމަށެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ ބޯޓުދަތުރުކުރާ މީހުންގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަލެއް ގިނަވަމުންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިދާއިރާގެ 2008ގެ ހިސާބުތަކަށް ބަލައިފި ކަމަށް ވަންޏާ 1400 އާއި 1500 މީހުން އޭރު ދިވެހިރާއްޖެ އިން ބޯޓު ދަތުރުކުރަމުގެ މަސައްކަތުގައި މީހުން އުޅެމުން ދިޔަ. ނަމަވެސް މި އަދަދު މިހާރު މިވަނީ 290 އަށް އެ އަދަދު ތިރިވެފައި. އޭރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ނުވަ މިލިއަނާއި 15 މިލިއަންގެ ޔޫއެސް ޑޮލަރު މިގައުމަށް އެ ހީވާގި ބޯޓު ދަތުކުރާ މަސައްކަތްތެރިންގެ ފަރާތުން މިގައުމުގެ އިގްތިސާދުގެ ތެރެއަށް ވަންނަމުން ދިޔަ." ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެރިޓައިމް ސިނާއަތަކީ މުޅި ދުނިޔެ ވެސް މިއަދު ބަލައިގަންނަ ސިނާއަތެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ މެރިޓައިމް ސިލްކު ރޫޓްގައި ރާއްޖެ އިން ސޮއިކޮށްފައިވާތީ އެކަން ފާހަގަކޮށް ވާހަކަފުޅުދައްކަވައިފަ އެވެ.

"ދުނިޔޭގެ ތިން ވަނަ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިވަނީ މިގަރުނުގެ ސިލްކް ރޫޓު ކޮންސްޓްރަކްޓު ކުރުމުގައި އެއްބަސްވުމުގައި ޗައިނާއާ އެކުގައި އެގައުމުގެ ޕާޓްނައަކަށް ވެފައި. މީގެ ބޭނުމަކީ އެންމެ ބޮޑެތި ބޯޓު ފަހަރުން ގޮސް އެންމެ އާދައިގެ ބޯޓުފަހަރުތައް އަޅުގަނޑުމެންގެ ރާއްޖެ ހުރަސްކޮށް ކުރާ ކޮމާޝަލް ވިޔަފާރިތައް މިވަނީ މި ގަރުނު ހިސާރުކޮށްފައި. އެހެންވީމަ މީގެ ފައިދާ މުހިއްމު ކަމެއް." ސައީދު ވިދާޅުވި އެވެ.

މިއަދު ސޮއިކުރި ކޮންވެންޝަނަކީ 2003 ވަނަ އަހަރުގައި ރާއްޖެ އިން ސޮއިކޮށްފައިވާ އެއްބަސްވުން ރިވައިޒްޑް ކުރުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިއަދު އެ ކޮންވެންޝަންގައި ސޮއިކުރީ 2003ގައި ސޮއިކުރެވުނު އެއްބަސްވުން ބާތިލްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.