31 Dec 2014, 12:47
އާ އަހަރު ފާހަގަކުރުމަށް ބާއްވާ އެއްވުންތަކާއި ޕާޓީ، އަދި ޝޯތަކުގައި ހުއްދަނޫން މިންގަނޑަކަށް އެއްވެސް އަމަލެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ނަމަ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އާ އަހަރާ ގުޅިގެން ޕާޓީތަކާއި އެއްވުންތަކަށް ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ފުލުހުން ބަލަމުން ދާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
"ހުއްދަ ނޫން މިންގަނޑަކަށް އެއްވެސް ކަމެއް ކުރާކަށް ފުލުހުން ފުރުސަތެއް ނުދޭނަން. ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ، މަސްތުވެ އެކި ކަހަލަ މަސަތުވާއެއްޗިހި ބޭނުންކޮށް، ނިވާކަން ކުޑަކޮށް ދެ ޖިންސުގެ މީހުން ގައިގޯޅިވެ، މަސްހުނިވެ، އަދި ފާހިޝް އަމަލުތަކަށް މަގުފަހިވާ ކަހަލަ ކަންކަން ކުރާކަށް މޯލްޑިވްސް ޕޮލިސް ސާވިސް އަކުން ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންކަމަކީ ދިވެހި މުޖުތަމައުގައި ހިނގަންވާނެ ކަންތައްތައް ނޫން ކަމަށެވެ. އަދި އެކަންކަން ކުރަން ޖެހޭނީ އިސްލާމީ ރިވެތި އާދަ ކާދަޔާއި ސަގާފަތާއި ގައުމީ ވަންތަކަމުގެ ތެރެއިން، އަދި މުޖުތަމައު ގަބޫލު ކުރާ މިންގަނޑުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ބާއްވާ "ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން" ޝޯ އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު، ސުޕުރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ޝޯއަށް ވަންނަ ފަރާތްތަކުން އެއްވެސް ކަހަލަ ތޫނު ހަތިޔާރާއި ފެންފުޅި ކަހަލަ އެއްޗެއް ވެސް ދަނޑަށް ވެއްދުމަކީ މަނާކަމެއް ކަމަށެވެ. އަދި މިރޭ ގަލޮޅު ރަސްމީ ބޯޅަދަނޑަށް މީހުން ވައްދާނީ ޗެކުކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަނޑަށް ވަންނަ ފަރާތްތައް ޗެކްކުރާ އިރު، މަނާކޮށްފައިވާ އެއްވެސް އެއްޗެއް ދަނޑަށް ވައްދާ ނަމަ ހިފެހެއްޓޭނެ." ޝަރީފު ވިދާޅުވި އެވެ.
އަދި މިރޭ 18:30 އިން ފެށިގެން ޝޯގެ ހުރިހާ ކަމެއް ނިމެންދެން ދަނޑު ހިމެނޭ ސަރަަހައްދުގެ މަގުތަކާއި ގޯޅިތައް ބަންދުކުރާ ގޮތަށް ފުލުހުން ވަނީ ނިންމައިފަ އެވެ. އަދި ދަނޑަށް ޝޯބަލަން ވަންނަ މީހުން ހިނގާފައި ދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.