ހދ. ކުޅުދުއްފުށީގައި އާއިލާއަށް ފިލައިގެން މާލެ އަންނަން އުޅުނު އަންހެން ދަރިފުޅު ގޮވައިގެން ބައްޕަ މޫދަށް ފުންމާލައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، އިއްޔެ ހިނގި އެ ހާދިސާގައި އަންހެން ދަރިފުޅު ގޮވައިގެން ބައްޕަ މޫދަށް ފުއްމާލީ މާލެ އަންނަން ބޯޓުގައި އިންދައި ކަމަށެވެ. އަދި މޫދަށް ފުންމާލީ ދަރިފުޅު ނުފައިބާން ދެކޮޅު ހެދުމުން ކަމަށް އޭނާ ބުންޏެވެ.

"ބޯޓު ނައްޓާލުމުގެ ކުރިން އެ އަންހެން ދަރިފުޅު ގޮވައިގެން ބައްޕަ ފައިބަން އުޅުމުން އަންހެން ކުއްޖާ ގަދަހެދީ. ދެން ބޯޓު ނައްޓާލަން ވާ މޮހާލައި ދުރަށް ޖަހާލިތަނާ އަންހެން ކުއްޖާ ގޮވައިގެން އޭނާގެ ބައްޕަ މޫދަށް ފުއްމާލީ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާގެ އާއިލާ އަށް ފިލައިގެން މާލެ އަންނަން އުޅުނީ ރައްޓެހިވެގެން އުޅޭ ކުއްޖާއާ އިނުމަށް އަންހެން ކުއްޖާގެ އާއިލާ އިން ދެކޮޅު ހެދުމުންނެވެ.

އެފަދަ މައްސަލައެއް ކުޅުދުއްފުށީގައި ހިނގި ކަން އެ ރަށު ކައުންސިލުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ނުވާ ކަމަށެވެ.