އއ. މާޅޮހު ބަޔަކު ދެ ކިލޯބައިގެ މާވަހަރެއް ހޮވައިފި އެވެ.

މާޅޮހުން ވާހަކަދެއްކި މީހަކު ބުނީ އެ މާވަހަރު ފެނިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 އެހައިކަންހާއިރު މާޅޮސް ކައިރީ އޮންނަ ރަންފަރު ނަމަކަށް ކިޔާ ފަރަކުން ކަމަށެވެ.

އޭނާ ބުނީ އެ މާވަހަރު ފެނިފައި ވަނީ ޑިންގީއެއްގައި ފީނަން ގޮސް އުޅުނު ހަ ޒުވާނަކަށް ކަމަށާއި އެއީ މާވަހަރެއްކަން ކަށަވަރުވީ އިއްޔެ ކަމަށެވެ.

"ރާއްޖެއިން ބޭރަށް ސާންޕަލް ފޮނުވައިގެން ޓެސްޓު ކުރީ. އެއީ މާވަހަރެއްތޯ ކަށަވަރުކުރުމަށް. މިހާރު މުޅިން ޔަގީން ކުރެވިއްޖެ އެއީ މާވާހަރެއް ކަމަށް،" މާޅޮހުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެ މާވަހަރު ގަތުމަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެންމެ މަތީއަގެއް ހުށަހަޅާފައި ވަނީ ޗައިނާގެ ބަޔަކު ކަމަށެވެ. ޗައިނާގެ ބަޔަކު ހުށަހަޅާފައި ވަނީ ގްރާމަކަށް 23 ޑޮލަރު ކަމަށާއި އެރޭޓުން ބަލާއިރު ޖުމްލަ އަގަކީ 686،650 ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.