31 Dec 2014, 11:19
މިރޭ ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ހުށަހަޅައިދިނުމަށް އިންޑިއާގެ ދެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ސާލިމް މާޗަންޓާއި ސުލައިމަން މާޗަންޓު ރާއްޖެ ގެނެސްފި އެވެ.
ރާއްޖެ އަށް އައުމުން އެ ދެ ފަންނާނުންނަށް މަރުހަބާ ދަންނަވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ، ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ހުށަހަޅައިދިނުމަށް ސަލީމާއި ސުލައިމާން ރާއްޖެ އައުމުން މަރުހަބާ ދަންނަވާފަ އެވެ.
Just landed in maldives. Welcomed by the tourism minister@ahmed_adeeb. Tonite's gonna be a good night!pic.twitter.com/eS4IsIxHy6
— salim merchant (@salim_merchant)December 31, 2014
ގަލޮޅު ދަނޑުގައި މިރޭ ބާއްވާ އެ ޝޯއަށް އެ ދެ ލަވަކިޔުންތެރިން ރާއްޖެ އައިސްފައި މިވަނީ ޝޯއަށް ކުރިން ގެންނަން މަސައްކަތްކުރި ޖެމެއިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމުމުންނެވެ.
ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑިރެކްޓް ކުރާ މަޝްހޫރު މި ދެ ފަންނާނުންނަކީ މުސްލިމު އާއިލާއަކަށް އުފަން ދެބެއިންނެވެ. އިންޑިއާގެ ގިނަ ފިލްމްތަކެއްގެ ލަވަތަކާއި ގިނަ ލަވަކިޔުންތެރިންގެ މިއުޒިކް ކޮމްޕޯސް ކޮށްފައިވާ އެ ދެ ބެއިންގެ ގިނަ ލަވަތަކަކީ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ހޮލީވުޑްގެ ބައެއް މަޝްހޫރު ލަވަތަކުގެ މިއުޒިކްވެސް ކޮމްޕޯސްކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި "ޗަކްދޭ އިންޑިއާ" އަދި "ރަބްނެބަނާދީ ޖޯޅީ" ފަދަ ފިލްމްތައް ހިމެނެ އެވެ.
"ޓޫރިސްޓް އެރައިވަލް ކައުންޑައުން" ގެ ނަމުގައި މިރޭ ބާއްވާ މި ޝޯގައި ބައިވެރިވުމަށް މި ދެ ފަންނާނުންގެ އިތުރުން ބައެއް އެހެން ފަންނާނުން ވެސް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.