ރެއާލް މެޑްރިޑުގައި ފޯވާޑެއްގެ މާގާމް އަދާކުރަމުން އަންނަ ވޭލްސްގެ ކުޅުންތެރިޔާ ގެރެތް ބޭލް ދުވަހަކުވެސް އެކްލަބް ދޫކޮށް ނުލާނެކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް ބުނެފިއެވެ.

ޕެރޭޒް ބުނީ ބޭލްއަކީ ރެއާލްއަށް ކޮންމެހެންވެސް ބޭނުވާ ކުޅުންތެރިއެއް ކަމަށާއި، އޭނާ މިހާރުވެސް އެ ކްލަބަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައި ވާކަމަށެވެ. އަދި ރޮނާލްޑޯ ފަދައިން ބޭލް އަކީ ރެއާލްއަށް ކޮންމެހެންވެސް ބޭނުން ކުޅުންތެރިއެއް ކަމަށް ޕެރޭޒް ބުންޏެވެ.

"ބޭލް އަކީ ރެއާލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ. މިހާތަނަށްވެސް އޭނާ ވަނީ ކްލަބަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައި. އަދި ބޭލް އަކީ މި ކްލަބުގެ ވަމުސްތަގުބަލަށް ރަށް މުހިންމު ކުޅުންތެރިއެއް. ރެއާލްއަށް ރޮނާލްޑޯ ބޭނުންވާ ފަދައިން ބޭލްވެސް މި ޓީމަށް ބެނުންވޭ،" ޕެރޭޒް ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާ ޕީރިއަޑުގައި މެންޗެސްޓާ ޔުނައިޓަޑުން ބޭލް އެ ކްލަބަށް ގެންދަން ވިސްނަމުން އަންނަ ކަމުގެ އަޑުތަކެއް ފެތުރިފައި ވާއިރު، ޔުނައިޓަޑްގެ ކޯޗް ވެން ހާލްއާ އެ ސުވާލު ކުރުމުން އޭނާ ބުނީ އެކަން ނޫސްވެރިންނާ މަޝަވަރާ ކުރެވެން ނެތް ކަމަށާއި، އެކަން މަޝްވަރާ ކުރަންޏާ ކުރާނީ އެ ކްލަބުގެ ސީއީއޯއާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޕެރޭޒް ބުނީ އެއްވެސް ކްލަބަކުން އަދި މިހާތަނަށް ބޭލްއާ ދޭތެރޭ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށާއި، އެހެން ކްލަބެއްގެ ފަރާތުން ހުށައެޅުމެއް ލިބުނަސް ރެއާލުން އެކަމާ މަޝްވަރާ ނުކުރާނެ ކަމަށެވެ.

"ޔުނައިޓަޑުންވެސް އަދި އެހެން ކްލަބަކުންވެސް ބޭލްއާމެދު އަދި މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވޭ. އަދި ޝައުގުވެރިކަން ފާޅުކުރިއަސް ރެއާލުން އެކަމާމެދު މަޝްވަރާއެއް ނުކުރާނަން. ރެއާލް ދޫކޮށް އެހެން ކްލަބަކަށް ބޭލް ނުދާނެކަން އެހެން ކްލަބުތަކަށްވެސް އިނގޭނެ،" ޕެރޭޒް ބުންޏެވެ.

މިހާރު އުމުރުން 25 އަހަރު ވެފައިވާ ބޭލް ރެއާލްއަށް މިދިޔަ އަހަރު ސޮއިކުރުމަށްފަހު، އެ ޓީމަށް މިހާތަނަށް ކުޅެދިން 39 މެޗުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 22 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެ ކުރިން ޓޮޓެންހަމްއަށް ކުޅެދެމުން އައި ބޭލް އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2006-2007 ވަނަ އަހަރުގެ ސީޒަންގައި ސައުތޭމްޕްޓަނުންނެވެ.