ޤާހިރާ : މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިއަދުގެ ހުކުރުނަމާދަށްފަހު ޤާހިރާގައާއި މިސްރުގެ އެކިރައްރަށުގެ މައިދާންތަކަށާއި މަގުތަކަށް އެތަށް މިލިޔަނުން މީހުން ނުކުމެ މުޒާހަރާ ކުރަމުން އެބެގެންދެއެވެ.

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ޤާހިރާގެ މައިދާނުއްތަޙްރީރުގައި އެއްވެފައިތިބި ދެމިލިޔަނެއްހާ މީހުން މިހާރު ތައްޔާރުވަމުން ގެންދަނީ ރައީސް މުބާރަކް ދިރިއުޅުއްވާ ޢުރޫބާ ގަނޑުވަރާ ދިމާއަށް ދިޔުމަށެވެ. މުޒާހަރާކުރާ މީހުން މުބާރަކްގެ ގަނޑުވަރު ވަށާލައިފިނަމަ މައްސަލަ ވަރަށް ހޫނުވެގެންދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުރާސިލުން ލަފާކުރެއެވެ. މުބާރަކް މިހާރު ޢުރޫބާ ގަނޑުވަރުގައި ނޫޅުއްވާނެ ކަމަށާއި އޭނާ މިހާރު ހުންނަވާނެ ކަމަށް ބެލެވެނީ ސިފައިންގެ ޙިމާޔަތުގައި ޢަސްކަރީ މަރުކަޒެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން ލަފާކުރެއެވެ. ޢުރޫބާ ގަނޑުވަރުގެ އިތުރުންވެސް މުބާރަކްގެ އެތަށް ގަނޑުވަރެއް މިސްރުގައި ހުރެއެވެ. ޤާހިރާގެ މައިދާނުއްތަޙްރީރަށްވެސް ދެމިލިޔަނެއްހާ މީހުން މިހާރުވަނީ ޖަމާވެފައެވެ.

އިސްކަންދަރިއްޔާގައިވެސް ބައި މިލިޔަނެއްހާމީހުން އެއްވެ މުބާރަކްގެ އަނިޔާވެރި ވެރިކަމަށް ވައްޓާލުމަށް ގޮވާލައި އިޙްތިޖާޖްކުރަމުން އެބަގެންދެއެވެ. މީގެއިތުރުން އަލްމަންސޫރާ، މަޙައްލާ، ސުވޭސް، ރަފްޙު، މިންޔާ، އައްޒަޤާޒީޤް، ބޫރުސަޢީދު އަދި މިނޫންވެސް އެތަށް ރަށެއްގައި ހާހުންނާއި ލައްކައިންނާ އަދި މިލިޔަނުން މުޒާހަރާ ކުރަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ.

ޤާހިރާގެ މައިދާނުއްތަޙްރީރަށް އެއްވެ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރާ މީހުންގެ ތެރޭގައި ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ޢަމްރުމޫސާ ވެސް ހިމެނިވަޑައިގަންނަވައެވެ. ޢަމްރު މުސާއަކީ މިސްރުގެ ރައްޔިތެކެވެ. އޭނާއަކީ މިސްރުގެ ޚާރިޖީ ވަޒީރުކަން ދިގުމުއްދަތަކަށް ކުރައްވާފައިވާ އަދި ރައީސް މުބާރަކްގެ ޕާޓީގެ އިސްބޭފުޅެއްގެ ގޮތުގައި ކުރިން ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ޢަމްރު މޫސާގެ އޮފީހުންވަނީ އޭނާ މުބާރަކާ އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވިކަން ކަށަވަރުކޮށްދެއްވާފައެވެ.

މިއަދަކީ މުބާރަކްގެ ވެރިކަން ވައްޓާލައި އޭނާ ޤައުމުން ބޭރުކޮށްލުމުގެ ދުވަހުގެ ގޮތުގައި ހެދުމަށް މުޒާހަރާކުރާ މީހުން ވަނީ ޢަޒުމް ކަނޑައަޅާފައެވެ. --އަލްޖަޒީރާ