31 Dec 2014, 10:24
މިހާރު އައްޑޫގައި ކުރިއަށްދާ ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015ގައި އެ ޓީމް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް މަލްޓި ޖީނިއަސް މުބާރާތުގެ ގްރޫޕް 'އޭ'ގެ ތާވަލްގައި ކުރިއަށް ޖެހިލައިފި އެވެ.
އިއްޔެ ކުޅުނު މެޗުގައި މަލްޓި ޖީނިއަސް އާ ދެކޮޅަށް ވާދަކުރީ އެމްސީ ޔުނައިޓަޑް އެވެ. އެ މެޗު މަލްޓި ޖީނިއަސް ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުވެސް މަލްޓި ޖީނިއަސް ކާމިޔާބުކުރި އިރު، އިއްޔެގެ މެޗުގެ ނަތީޖާއާ އެކު އެ ޓީމް ވަނީ މިހާރު މުބާރާތުގައި މުޅިއަކު ހަ ޕޮއިންޓް ހޯދާ، ގްރޫޕް 'އޭ' ގެ ތާވަލްގައި އެއްވަނަ މަގާމް ހޯދާފަ އެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ. މަލްޓި ޖީނިއަސްއަށް މެޗުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. އެ ލަނޑު މަލްޓި ޖީނިއަސްއަށް ކާމިޔާބުކޮށްދީ މެޗުގެ ލީޑް އެ ޓީމަށް ހޯދަދިނީ އެ ޓީމްގެ އަހުމަދު ނާޝިދު (ނައްޓޭ) އެވެ.
މެޗުގައި މަލްޓި ޖީނިއަސްއަށް ކާމިޔާބު ކުރެވުނު ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ދެވަނަ ހާފްގައި އެމްސީ ޔުނައިޓަޑުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަލްޓި ޖީނިއަސްއަށް މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަހުމަދު ނާޝިދު (ނައްޓޭ) އެވެ.
އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯދިއްޔާ އާއި ދަ ފޭދޫ އެވެ. މުބާރާތުގައި އެ ދެ ޓީމްގެ ފުރަތަމަ މެޗުތަކަށް ބަލާއިރު، ގޯދިއްޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމް ވަނީ ފްރެންޑްސް ކްލަބުގެ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ދަ ފޭދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗަށް ބަލާލާ އިރު، އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ޒެފިއާ އާ ބައްދަލުކޮށް 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެ ޓީމް ވަނީ މޮޅުވެފަ އެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ފޫޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015 އަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދެވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 200،000 ރުފިޔާ ދޭން ހަމަޖެހިފައިވާ އިރު، އެ މުބާރާތުގެ ރަނަރަޕް އަށްވެސް ވަނީ 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފަ އެވެ.