ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 2014 ވަނަ އަހަރުގެ ތެރޭގައި 52 ފާމަސީ ހުޅުވައިފި އެވެ.

އާސަންދައިގެ ދަށުން ބޭސް ލިބޭ ފިހާރަތައް ހުޅުވުމުގެ ބޮޑު ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ ސޮއިކޮށްފައި ވަނީ މި އަހަރު ޖޫން މަހު ހަތަރު ވަނަ ދުވަހު އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.

"އެކަމަށް ކުރަން ޖެހޭ މަސައްކަތްތަށް މި އަންނަނީ ސަރުކާރާ ގުޅިގެން ކުރަމުން. އިރާދަކުރެއްވިއްޔާ ފާމަސީއަކަށް ފަހު ފާމަސީއެއް ހުޅުވަމުންގޮސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަޅުގަނޑުމެންގެ ފާމަސީއެއް ހުޅުވާނަން." އާޒިމް ވިދާޅުވެފައިވެ އެވެ.

ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމުގެ ޕްރޮޖެކްޓްގެ ދަށުން 52 ފާމަސީ ހުޅުވާފައިވާ އިރު، އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ނުވަ ފާމަސީއެއް ހުޅުވާފަ އެވެ. އެހެންކަމުން އެސްޓީއޯ ފާމަސީގެ ޖުމްލަ އަދަދު މިހާރު 61 އަށް އަރަ އެވެ.

ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ބޭސްލިބޭ ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯ އިން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެ އެވެ.