ނެޖަމީނާ (ޑިސެމްބަރު31): އެފްރިކާގެ ގައުމެއް ކަމަށްވާ ގެންބިޔާގެ ރިޔާސީ ގަނޑުވަރުގައި ހިނގި ބަޑިޖެހުމުގެ ޙާދިސާއަށް ފަހު އެގައުމުގެ ރައީސް ޔަޙްޔާ ޖާމިއު އަވަށްޓެރި ޗާޑަށް ވަޑައިގެންފި އެވެ.

މަންޒަރު ދުށްމީހުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ގެންބިޔާގެ ރައީސް ޔަހްޔާ ޗާޑުގެ ވެރިރަށް ނެޖަމީނާއަށް ވަޑައިގަތީ ގެންބިޔާ ސަރުކާރުގެ އެއަރލައިންގެ މަތިންދާބޯޓެއްގަ އެވެ. ގެންބިޔާގެ ރިޔާސީ ގަނޑުވަރުގައި ހިނގި ބަޑިޖެހުމުގެ ޙާދިސާއަކީ އެގައުމުގެ ވެރިކަން ބަދަލުކޮށްލުމަށް ޓަކައި ހިންގި އަސްކަރީ އިންގިލާބެއްގެ ހަރަކާތެއްކަމަށާއި އިންގިލާބީ ހަރަކާތް މުޅިން ނާކާމިޔާބުކޮށް އެކަމުގައި ޝާމިލްވާ ސިފައިންގެ އޮފްސަރުންނާއި އެހެނިހެން ފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ސިފައިންގެ މުއައްސަސާއިން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

ބަޑިޖެހުމުގެ ހާދިސާ ހިނގިއިރު ރައީސް ޔަޙްޔާ ހުންނެވީ ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔަހްޔާ ހުންނެވީ ފަރަންސޭސިވިލާތުގެ ޕެރިހުގަ އެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުން އެވަގުތު އޭނާ ހުންނެވީ ދުބާއީގަ އެވެ.

ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު އަކީ 1994 ވަނަ އަހަރު އެގައުމަށް ގެނައި އަސްކަރީ އިންގިލާބެއްގައި ވެރިކަމާ ޙަވާލުވެވަޑައިގެންފައިވާ ސިފައިންގެ އޮފްސަރެކެވެ. އޭނާގެ ވެރިކަން ކުރައްވަނީ ޚުދުމުޛްތާރު ގޮތެއްގައި ކަމަށް އޭނާއާ އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. ނަމަވެސް ޑިމޮކްރަސީގެ ނަމުގައާއި އެނޫން ގޮތްގޮތުން ޔަހްޔާގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުންކުރި ހުރިހާކަންތައްތަކެއް މިހާތަނަށްވަނީ ނާކާމިޔާބުވެފަ އެވެ. (ރޮއިޓާސް)