31 Dec 2014, 10:01
ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު އެއްވެފައި އޮތް ބްރެޒިލްގެ ބީޗަކަށް ހޮނު އެޅުމުގެ ސަބަބުން އެއް އާއިލާގެ ހަތަރު މީހަކު މަރުވެއްޖެ އެވެ.
ބްރެޒިލްގެ ނޫހެއް ކަމަށްވާ ޖީ1 ނޫހާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ބްރެޒިލްގެ ސައޯ ޕައުލޯގެ އިރު ދެކުނުގައި އޮންނަ ޕްރައިއާ ގްރޭންޑޭގައި އިއްޔެ ހިނގި އެ ހާދިސާގައި ގަޔަށް ހޮޅު އަޅައި މަރުވެފައި ވަނީ އެއް އާއިލާއެއްގެ ދެ ދެ މަފިރިން ކަމަށެވެ.
އެ މީހުން ގަޔަށް ހޮޅު އަޅާފައި ވަނީ، ވާރެޔާ ހިޔާވާން ބީޗުގައި ޖަހާގައި ހުރި ގެގަޑެއްގެ ތެރެއަށް ވަދެ ތިއްބައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި އެ ހާދިސާގައި އިތުރު ހަތަރު މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭގެތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ޖީ1 ނޫހުގައި ބުނެފައިވެ އެވެ.
ބްރެޒިލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ސައޯ ޕައުލޯގެ ސަންޓޮސް އަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑު ވެފައިވާ އިރު، ވައިގަދަވުމުގެ ސަބަބުން ގިނަ ގަސްތައް ވަނީ ވެއްޓިފަ އެވެ.