ޓުވިޓާ އެކައުންޓުތަކަށް އަންނަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް ޓުވީޓާ އެކައުންޓްތަކުގެ ޕާސްވޯޑް ރީސެޓް ކުރުމަށް އެދި އަންނަ ބައެއް ޑައިރެކްޓް މެސެޖްތަކާއި ބައެއް އެސްއެމްއެސްތަކުގައި ހުންނަ ލިންކް ހުޅުވުމަށް "ކްލިކް" ކޮށްލުމުން ޓުވިޓާގެ ވެބްސައިޓާ ވައްތަރުގެ އެހެން ވެބްސައިޓަކަށް ރިޑިރެކްޓްވެ އެ ވެބްސައިޓްގައި ލިޔާ މަޢުލޫމާތުތަކާއި ޕާސްވޯޑް އެހެން ފަރާތަކަށް ލިބި އެފަދަ އެކައުންޓްތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ބައެއް ފަރާތްތަކުން ކުރަމުން ދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެފަދަ މެސެޖްތަކުގެ އެހީގައި، ޓުވިޓާ އެކައުންޓުގެ ޕާސްވޯޑާއި އެހެނިހެން މަޢުލޫމާތު ނެގުމަށް ފަހު އެ އެކައުންޓަކުން ޓުވީޓްކޮށް އެކައުންޓުގެ ވެރިފަރާތަށް ނޭނގި އޭނާގެ ނަމުގައި ޑައިރެކްޓް މެސެޖްތައް ފޮނުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެކަމުގައި ޢާއްމު ރައްޔިތުން މިހާރަށް ވުރެ އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން މިހެން ބުނެފައިވާ އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓުވިޓާ އެކައުންޓު ވަނީ އިއްޔެރޭ ހެކުކޮށްފަ އެވެ. އަދި އެ އެކައުންޓުން ވަނީ ޓުވީޓު ވެސްކޮށްފަ އެވެ.