31 Dec 2014, 09:50
އެއާއޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ގެ މައިގަނޑު ކަނޑުތެރެއިން ފެނިއްޖެ އެވެ.
އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ މަތިންދާބޯޓުގެ މައިގަނޑު އޮތްތަން ހޯދިފައިވާ ކަމަށެވެ. އިންޑޮނޭޝިއާގެ ނޫސްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މަތިންދާބޯޓުގެ މައިގަނޑުގެ ސޯނާ އިމޭޖެއް ލިބިފައިވާ ކަމަށެވެ. އަދި ބުނީ އެ އިމޭޖަށް ބަލާއިރު މަތިންދާބޯޓުގެ މައިގަނޑު އޮތީ 20 ނޫނީ 30 މީޓަރު ( 78 ފޫޓް ނުވަތަ 98) އަށް ފޫޓް އަޑީގައި ކަމަށް ފެންނަ ކަމަށެވެ.
ރޮއިޓާސް އިން ބުނީ މަތިންދާބޯޓުގެ މައިގަނޑު އޮތް ކަމަށް ބެލެވޭ ސަރަހައްދުގެ މޫސުން ގޯސްކަމުން ހޯދުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެސަރަހައްދުގެ ކަނޑުގައި މިއަދު ހަފޫޓާއި ނުވަ ފޫޓާ ދެމެދުގެ އުސްމިނުގެ ރާޅު އެބަހުރި ކަމަށާއި ވައި ވެސް ވަރަށް ބާރު ކަމަށް ވެސް ބުންޏެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިއަދު ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އެބޯޓުގެ އެޓެންޑެންޓެއް ވެސް ހިމެނެ އެވެ. މިއަދު ފެނުނު ގަބުރުތަކުގައި އަންނައުނު ހަމައަށް ހުރި ކަމަށާއި އެހެންވީމާ ބޯޓު ހަލާކުވީ ކަނޑުގައި ޖެހުނު ފަހުން ކަމަށް ބެލެވޭ ކަމަށް ސާޗް އެންޑް ރެސްކިއު ޓީމުން ވަނީ ބުނެފަ އެވެ.
އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ. އެއީ މޫސުން ގޯސްވުމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.
ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ