31 Dec 2014, 09:41
އެއީ މިދިޔަ އަޟްހާ އީދު ތެރެ އެވެ. އީދުގެ ކަވަރޭޖަކަށް މެދު ރާއްޖެ ތެރޭ ރަށަކަށް ދިއުމުން މަރުހަބާކީ އެ ރަށު ކައުންސިލުންނެވެ. ރަށުގައި ފައި ޖެހުމާ އެކު ކެއުމަކަށް އިންސާފުކޮށްލަން ދައުވަތު ލިބުނެވެ. ދައުވަތު ލިބުނީ ކައުންސިލް ރައީސްގެ ގެއިންނެވެ. ދަތުރުގެ ވަރުބަލިކަމާއި ބަނޑުހައިވެފައިވާ ވަރުން ކެއުމަށް އަވަސްވެ ގަތީ އެވެ. ކެއުމަށް ތައްޔާރުކޮށްފައިހުރީ ރޮއްޓާއި ކުޅި މަހެވެ. ކާން ފެށުމުގެ ކުރިން ކައުންސިލަރުގެ މަންމަ މޮޅު ވާހަކައެއް ބުނެލި އެވެ. "ތިއީ ވަރަށް މީރު މަހެއް، އެކަމަކު ކޮން މަހެއްކަން ބުނެވޭކަށް ނެތް" މިހެން ބުނެ ހިނިތުން ވެލި އެވެ. ފަހުން އެނގުނު ގޮތުގައި އެއީ ހިމާޔަތްކޮށްފައިވާ ވެލާ މަހެވެ.
"މިގޭ ބޭބެ [ކައުންސިލަރުގެ ބައްޕަ] ކަންނެއްޔަށް ގޮސް މަހެއް ނުބޭނިގެން ދޯނީގައި އުޅޭ ބަޔަކު ކުރި ކަމެއް ތީ. ގާތް ގަނޑަކަށް އަށް ވަރަކަށް އެތި ހިފި،" ކައުންސިލަރުގެ މަންމަ ބުންޏެވެ.
އެ ވާހަކައާ އެކު ރަށުގައި ވެލާ މަސް ކެއުމުގެ އާދަ އޮތް މިންވަރު ބަލަން ބޭނުންވި އެވެ. އީދު ކުޅިވަރުތެރޭ ޝާމިލްވެ އުޅެމުން، ކައުންސިލަރު ކައިރިން ތަފްސީލަކަށް އެދުނީމެވެ. އޭނާ އެ ކަން މާބޮޑު ކަމަކަށް ނަހަދަ އެވެ. ބުނީ މިހެންނެވެ.
"އެއީ އަހަރުމެންނަށް ހަލާލު ރިޒުގެއް [ވެލާ މަސް]. ގާނޫނެއް، ކީއްކުރަން އެހެން އެއްޗެއްގައި ލިޔުނަސް އެކަން ކުރާ ބަޔަކު އެކަމެއް ނުހުއްޓާނެ،"
މިއީ ޒިންމާދާރު މަގާމުތަކުގައި ގާނޫނު ތަންފީޒްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޒިންމާގައި ކޮނޑުގައި އަޅުވައިގެން ތިބި ކައުންސިލަރުންގެ ވިސްނުމެވެ. އެ ކައުންސިލަރުންގެ ވިސްނުމާ އެއްވަރަށް ސުފުރާމަތި އެވަނީ ކިލަނބުވެފަ އެވެ. ދެން އެހެން ގޭގޭ ސުފުރާމަތި ސިފަކޮށްލާށެވެ. ގާނޫނުގެ ދަށުން ވެލާ ކަނހަބު ހިފުމާއި އޭގެ މަސް ކެއުމާއި ބައެއް ސަރަހަދުތަކުން ބިސް ނެގުމަކީ މަނާކޮށްފައިވާ ކަމަކަށް ވިޔަސް އެއީ ވަރަށް ފާޅުގައި ކުރާ ކަމެކެވެ. މިކަމުގައި އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާ މެދު ކުރެވޭ ތުހުމަތުތައް ވެސް ގިނަ އެވެ. އެބޭފުޅުން އެކަން އިންތިހާއަށް ކުރާ ކަމަށް ނުވަތަ އެކަން ކުރާ ކަން އެނގި ނަމަވެސް އެކަން ނުހުއްޓުވާ ތިބޭ ތިބުމަކީ އެގޭގެ ސުފުރާމަތިތައް ވެލާ މަހުން ފުރައިލެވޭ ސަބަބުތަކެވެ. ހުއްޓުވުމުގެ ބަދަލުގައި ކައުންސިލަރުންނާއި ވެރިންގެ ހިނިތުވުންތަކުން އެފަދަ ކަންކަމަށް ހިތްވަރުދޭކަން އެނގެ އެވެ.
"ކައުންސިލަރުންގެ އިތުރުން މީހުން ބުނާތީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑު އިވޭ، ފުލުހުންގެ ތެރޭގައި ލިބެން ހުންނަކަން، ވާހައަކީ ފުލުހުންނާއި ކައުންސިލަރުން ވެސް ވެލާ ހިފާ ވާހަކަ،" އިކޯކެއާ މޯލްޑިވްސްގެ ޕްރޮގުރާމުސް އެންޑް އެޑްވޮކަސީ މައީދު މުހައްމަދު ޒާހިރު ވިދާޅުވި އެވެ.
ވެލާ މަސް ކެއުމާއި ބިސް ނެގުމަކީ ކަމާ ބެހޭ ފަރާތްތަކުން އިހްމާލުން އެތައް ގުނައަކަށް އިތުރުވެފައިވާ ކަމުގެ ހެއްކަކީ އެކަން އިންތިހާއަށް އާންމުވުމެވެ. ވެލާ ފެޅުމުގެ މައްސަލަތަކާއި ގުޅިގެން ލިޔެފައިވާ އާޓިކަލްތަކަށް އައިސްފައިވާ ކޮމެންޓުތަކުން ވެސް އެކަން ހެކިދެ އެވެ. ބެލިބެލުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެލާ ހިފުމާއި ވެލާ މަސް ކެއުމުގެ ކަންކަން ފުޅާކޮށް ކުރެ އެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ހައްދުން މަތީ ބައެއް ރަށްތަކުގައި ވެލާމަސް ކިލޯ ކިލޯއަށް ފިހާރަތަކުގައި ވިއްކަން އެބަހުއްޓެވެ. އެއީ ހަމަ ކައުންސިލަރުން ވެސް ދިރިއުޅޭ ރަށްރަށެވެ. ނުހުއްޓުވެނީ ވެލާ މަސް ހަދިޔާއެއްގެ ގޮތުގައި ކައުންސިލަތުންނަށް ވެދުން ކުރާތީ އެވެ.
ކިތަންމެ ވިޔާނުދާ އަމަލަކަށްވިޔަސް އެއީ ފޯރިއާއެކު ކުރިއަށްދާ ކަމެކެވެ. ވެލާ ހިފުމަށް ގްރޫޕު ގްރޫޕަށް ދާއިރު އެކަމަށް އެކި "ކޯޑު"ތަކުން އެކި ސަރަހައްދުތަކުގައި ވާހަކަ ދައްކަ އެވެ. ބައެއް ސަރަހައްދުތަކުގައި "ކަނޑު ގެރި" ނުވަތަ "އެއްޗެއް ފަޅާލަން" ނަންނަމުގައި ވެލާ ހިފުމަށް ނަން ދީފައިވެ އެވެ. ވެލާ ހިފާ ފަރާތްތަކުން އެކަން ކުރަނީ ވަރަށް އިހްޒަމާނީ އުކުޅުތައް ވެސް ބޭނުންކޮށްގެނެވެ. އެގޮތުން ހަނދުވަރަށާއި އޮއިވަރަށް ބަލައި ތާރީހު ގުނައިގެން ވެލާ އަރާ ހިސާބްތަކަށް ގޮސް އެކަން ކޮށް އުޅެ އެވެ.
އއ. މާޅޮހުގައި ވެލާ ހިފައިގެން، އޭގެ މަސް އަދި ބިސް ފަދަ ތަކެތި ކާކެއުމުގެ މައްސަލަ ފެންމަތިވެ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާމިހު ވިދާޅުވީ ވެލާ ފަދަ ތަކެތި ކެއުމަށް ބޭނުން ކުރުމަކީ އެ ރަށުގައި އާންމު ކަމެއް ކަމަށެވެ. މާޅޮހަށް މީގެ ކުރިން ވަރަށް ގިނައިން ވެލާ އަރާ ކަމަށާއި ނަމަވެސް މިހާރު ވެލާ އަރަނީ އަހަރަކު ދެ ފަހަރު ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ. ސާމިހު ވިދާޅުވީ ވެލާ އަރާ މިންވަރު މަދުވީ ރައްޔިތުން ވެލާ ނަގާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ވެލާ ނަގާ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެލާ ހިމާޔަތް ކުރުމަށް ގަވާއިދެއް ހަދާފައި އޮތަސް ރައްޔިތުން އެ ގަވާއިދަށް އަމަލު ނުކުރާކަން ސާމިހު ވިދާޅުވި އެވެ.

އޭނާގެ ބަސް އެގޮތަށް ހުރިއިރު ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވެލާ ކެއުން ފަދަ މައްސަލަތައް އިތުރުވާ އެއް ސަބަބަކީ އެ ރަށްތަކުގެ ވެރިން ކަމުގައިވާ ކައުންސިލަރުން އެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބެލުމާއި އެފަދަ ކަންތައްތައް ހުއްޓުވަން މަސައްކަތް ނުކުރުމެވެ.
"މިފަދަ މައްސަލަތައް ހުއްޓުވުމުގައި ކައުންސިލަރުންނާއި ވެރިންގެ ޒިންމާއަކަށް ވެސް ވާނެ، މަޖަލަކަށް ހެދުމުގެ ބަދަލުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ" އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.
ވެލާ ހިފުން ރާއްޖޭގައި އާންމުވެފައިވާ އިރު އެކަމުގެ ކަންބޮޑުވުން ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އިކޯކެއާގެ މައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި، ދުނިޔޭގެ އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު ވެލާ އިތުރު ކަމަށާއި ނަމަވެސް އެއީ ވެލާ ނައްތާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ވެލާ ކެއުން މިހާރު ކުރިއަށްދާ ގޮތަށް އާންމުވަމުންދާ ނަމަ ވެލާ މަދުވާނެ ކަމަށާއި ފިޝަރީޒް ގާނޫނުން ވެލާ ހިމާޔަތްކޮށްފައިވީ ނަމަވެސް އެކަން ކުރަން ޖެހޭ ފަރާތްތައް ގިނަކަމުން "މަސްލަހަތު ފުށުއަރާތީ" އެކަން ހައްލުކުރާނެ ފަރާތެއްގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
ދިރާސާތަކުން ދައްކާގޮތުގައި ވެލާ، ކަނހަބު ބޮޑުވުމަށް 25 ވަރަކަށް އަހަރު ނަގަ އެވެ. އެ ދިރާސާއިން އެނގޭ ގޮތުގައި ވެލައަކީ އެތައް އަހަރަކުން ބޮޑުވާއެއްޗަކަށްވާ އިރު އާންމުކޮށް ވެލާ ހިފައި މަސް ކައި ވެލާ ބިސް ނަގާނަމަ ކައިރި މުސްތަގުބަލެއްގައި ވެލާގެވ ދަރިފަސްކޮޅު ނެތި ދިއުމަކީ ވެދާނެ ކަމެކެވެ.
އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް އިއްޔެ"ސަން" އަށް ވިދާޅުވީ ވެލާ ފަދަ ހިމާޔަތްކޮށްފައިވާ ތަކެތި ކެއުމަށް ބޭނުންކުރާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ. ދިވެހި ރާއްޖޭގެ އިގްތިސާދާއި ރާއްޖޭގެ ނަން ހުތުރުވުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ވެލާ ހިފުމާއި އެއަށް ރަހުމުކުޑަގޮތްގޮތް ހެދުން އާންމުވުމުގައި ކައުންސިލަރުންގެ ޒިންމާއެއްވެ އެވެ. އެބޭފުޅުން އަމަލީ ގޮތުން އެކަމުގައި ބައިވެރިވާކަމުގެ ހެކިތައް ހުރިއިރު އެފަދަ ކަންކަން ކުރާކަން އެނގި ނުހުއްޓުވާ ތިބުމަކީ ބޮޑު ހެއްކެކެވެ. ކައުންސިލަރުންގެ ގޭގޭގެ ސުފުރާމަތި ވެލާ މަހުން މުއްސަދިކޮށްފައިވާކަމީ އެބޭފުޅުން ވެފައިވާ ބޮޑުއިހުމާލެވެ.