31 Dec 2014, 09:33
އދ. މަޖިލިސް (ޑިސެމްބަރު31): އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް އެބިންތައް މިނިވަން ކުރުމަށް ގޮވާލާ ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުން ދެކޮޅު ހަދައިފި އެވެ.
މިގަރާރާ ދެކޮޅަށް އެމެރިކާ ވީޓޯ ކުރާނެ ކަމަށް ބެލެވިފައިވީނަމަވެސް ގަރާރު ފާސްވާމިންވަރަށް ވޯޓު ލިބިފައިނުވާތީ އެމެރިކާގެ ވީޓޯ އާ ނުލައި އެގަރާރު ފޭލްކޮށްލުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ކާމިޔާބު ހޯދާފަ އެވެ. ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން 2017 ވަނަ އަހަރުގެ ނިޔަލަށް އިސްރާއީލުގެ އިސްތިޢްމާރީ ބާރުތައް ފޭބުމަށް ގޮވާލައި އަރަބި ގައުމުތަކުން ސަލާމަތީ މަޖިލީހަށް ހުސަހެޅި ގަރާރާ ވޯޓު ދީފައިވަނީ އެމެރިކާއާއި އޮސްޓްރޭލިޔާއިންނެވެ. އޮސްޓްރޭލިޔާއަކީ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒު ގަދަވުމުގެ އިތުރުން ދިފާޢީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމެކެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ ނުވަ މެންބަރުންގެ ތާއީދު ހޯދަންޖެހޭއިރު މިގަރާރަށް ތާއީދުކޮށްފައި ވަނީ އަށް ގައުމަކުންނެވެ. އެ އަށް ގައުމުގެ ތެރޭގައި ވީޓޯ ކުރުުމުގެ ބާރު ލިބިފައިވާ ތިން ގައުމު ކަމަށްވާ ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތް ހިމެނެ އެވެ. މިގަރާރާ ދެކޮޅަށް ވެސް އަދި އެއްކޮޅަށް ވެސް ވޯޓު ދީފައިނުވާ ފަސްގައުމުވެ އެވެ. އެ ފަސް ގައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ. އެމެރިކާ އިން ވަނީ މިގަރާރަށް ސަލާމަތީ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބިއްޖެ ޙާލަތެއްގައި ވީޓޯކުރާނެ ކަމުގެ ބިރު ނުސީދާގޮތެއްގައި ދައްކާފަ އެވެ.
އުރުދުން އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ދީނާ ގަޢްވާރު ވަނީ މިގަރާރަށް ވޯޓަށް އެހުމުގެ ކަންތައް ލަސްކުރަން އަރަބި ގައުމުތައް ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އުރުދުންއަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ހަމައެކަނި އަރަބި ގައުމެވެ. ފަލަސްތީނާއި އަރަބި އެހެން ގައުމުތައް ގުޅިގެން އެކުލަވާލާފައިވާ މިގަރާރުގެ ދެލިކޮޕީއަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންގެ ތާއީދު ލިބޭނެ ކަމަށް އަރަބިން އުންމީދު ކުރިނަމަވެސް އެމެރިކާ ވަނީ މިގަރާރާދެކޮޅަށް ކޭންޕޭންކޮށްގެން މިގަރާރަށް އަޣްލިބިއްޔަތު ނުލިބޭގޮތަށް ބައެއް ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށްފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް ވާގިވެރިވާ އެމެރިކާއިން ވަނީ މިގަރާރާ ދެކޮޅަށް ވަރަށް ކުރީއްސުރެ އަޑުއުފުލާފަ އެވެ. މިގަރާރު ފާސްވި ނަމަވެސް މިގަރާރު ތަންފީޒު ކުރުމަކީ އިސްރާއީލުން ކުރާނެ ކަމަކަށް ނުބެލެވޭއިރު އިސްރާއީލާ ދެކޮޅަށް އދ. އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާގެ ބާރާއި އާރު އޮތްހާ ހިނދަކު ކުރެވޭނެ ކަމެއްނޫނެވެ. (ނޫސްއެޖެންސީތައް)