ލޯކަލް ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ ބެލެހުއްޓުމަށްޓަކައި 250 ވުރެ ގިނަ ފުލުހުން މިއަދު މެންދުރު ފަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މިއަދު ވިދާޅުވީ މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހަމަނުޖެހުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގައިވާ ނަމަ އެ އަމަލްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. އަދި މާދަމާގެ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި އަތޮޅު ތެރެއަށާއި ރާއްޖެ އިން ބޭރަށް ވެސް ފުލުހުގެ ފައުޖުތައް ފޮނުވާފައިވާ ކަމަށް އެނާ ވިދާޅުވި އެވެ.

"ދުއިސައްތަ ފަންސާސް އަށް ވުރެ ގިނަ ފުލުހުން އަޅުގަނޑުމެން ފޮނުވާފައިވާނެ. އޭގެ އިތުރުން ސިރީލަންކާ އަށާއި އިންޑިއާ އަށް ވެސް ފުލުހުން ފޮނުވާފައިވާނެ. އެ ދެ ގައުމުން ކުރެ، ކޮންމެ ގައުމެއްގައި ދެ ފުލުހަކު ހުންނާނެ." އަހުމަދު އަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަމާން ކާމާއި އޮމާންކާމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުންނާ އެކު، މަޝަވަރާކޮށް ވާހަކަދައްކާފައިވާނެ ކަމަށާއި ކެމްޕެއިން ނިމިގެންދިޔަ ގޮތުން އިންތިހާބުގައި ހަމަނުޖެހުންމެއް ހިނގާފާނެ ކަމަށް އަދި ލާފާނުކުރޭވޭ ކަމަށެވެ.
ނަމަވެސް ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށާއި އިންތިހާބުގެ ކަންތައް ބެލެހެއްޓުމުގައި ވަކި މުއްދަތެއްނެތި ފުލުހުންގެ ފޯރިމަރަމުންދާނެ ކަމަށް އަހުމަދު އަރީފު ވިދާޅުވި އެވެ.