30 Dec 2014, 22:41
ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތާންގައި ބިދޭސީން ސޭޓުންގެ ގޮތުގައި ތިބުމަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފަށައިގެން ކޯޓާ ދޫ ނުކުރާ ގޮތަށް ނިންމައިފި އެވެ.
"ސަން"އާ ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފަށައިގެން ކެފޭ ރެސްޓޯރެންޓާއި ފިހާރަ ފަދަ ތަންތަނުގައި ބިދޭސީން ތިބުމަކީ މަނާ ކަމެއް ކަމަށެވެ.
"މިހާރު ބިދޭސީން މި ތިބޭ ކެފޭ ރެސްޓޯރެންޓު އަދި ފިހާރަތަކުގައި މި ތިބޭ ތިބުން އަޅުގަނޑުމެން ކޯޓާ ދިނުން ހުއްޓާލަނީ އެކެއް ޖެނުއަރީން ފަށައިގެން. ދެން މީގައި އެކެއް އޭޕްރީލް 2015 އިން ފަށައިގެން މަނާ ކަމެއް ކަމަށް މި ވަނީ. އޭގެ މާނައަކީ އެ ހިސާބުން ފަށައިގެން ދެން ތިބެންޖެހޭނީ ދިވެހިންނޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެކަން އެގޮތަށް ކުރަން ސަރުކާރުން ނިންމީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކެފޭ ރެސްޓޯރެންޓުންފަދަ ތަންތަނަކީ ދިވެހިންނަށް ވަޒީފާ އަދާ ކުރެވޭނެ ތަންތަން ކަމަށެވެ.
"ފިހާރަތަކާއި ރެސްޓޯރެންޓުތައް މި ހުންނަނީ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ދެއްތޯ. އެހެންވީމަ އާއިލާއެކު ތިބެގެން އަދާކުރެވޭނެ ފަދަ ވަޒީފާތައް މިއީ. ދެން މިފަދަ ވަޒީފާތަކަކީ އަންހެން ބޭފުޅުންނަށް ވެސް އަދާ ކުރެވޭނެ ވަޒީފާތައް. މިފަދަ ބޭފުޅުންނަށް ކަމާ ބެހޭ ހުނަރާއި ތަމްރީން ދީގެން ނެރެން ޖެހޭނީ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަން ގިނަ ވިޔަފާރިތަކުގައި މަސައްކަތް ކުރަމުން ދަނީ ބިދޭސީންކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ފިހަރާތަކާއި ހޮޓާތަކާއި ރެސްޓޯރެންޓު ފަދަ ތަންތަނުގައި ސޭޓުންނަށް ގިނައިން ތިބެނީ ބިދޭސީންނެވެ.