ފިލިޕީންސްގައި އެއާއޭޝިއާގެ މަތިންދާބޯޓެއް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ރަންވޭއިން ކައްސާލައިފި އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަ އެއް ނުވެއެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާއިން 159 ފަސިންޖަރުން ގޮވައިގެން ކަލިބޯއަށް ޖެއްސި ފްލައިޓް ޒެޑް 2272 ރަންވޭއިން ކައްސާލުމާ ގުޅިގެން ގޮސް ހުއްޓިފައިވަނީ ރަންވޭނިމޭ ހިސާބުގައި އޮންނަ ވިނަ ހެދިފައިވާ ސަރަހައްދަކަށެވެ.

ބޯޓުން ދަތުރުކުރި ނޫސްވެރިއަކާ ހަވާލާދީ ދަ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވަނީ، ރަންވޭ އިން ކައްސާލުމުން ފްލައިޓުގެ އިންޖީނު ވަގުތުން ނިއްވާލި ކަމަށެވެ. އަދި ހުރިހާ ފަސިންޖަރުންގެ ދަބަސްތައް ބެހެއްޓުމަށްފަހު އެމެޖެންސީ ސްލައިޑުން ފްލައިޓުން ފޭބުމަށް އެންގި އެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ދެ ގަޑިއިރަށް ލަސްވެސްވި. ފްލައިޓް ޖައްސާފައިވަނީ ވަރަށް އުނދަގޫކޮށް، ކުއްލިއަކަށް. ފްލައިޓް އެޓެންޑެންޓެއް ބުނީ ބޯޓު ކައްސާލީ ވައިގަދަވުމުގެ ސަބަބުން ކަމަށް،" ފްލައިޓުގައި އިން ރެޕްލާ ނޫހުގެ ނޫސްވެރިޔާ ޖެޓް ޑަމާޒޯ-ސަންތޯސް ބުނެފައިވެ އެވެ.

ފަސިންޖަރުން ފްލައިޓުން ފޭބުމާއެކު އެމެންސީ ސާވިސަސް އިން ހަރަކާތްތެރިވެ، ބައެއް މުސްކުޅި ފަސިންޖަރުންނަށް ސިއްހީ ފަރުވާ ދީފައިވާ ކަމަށް ވެސް އޭނާއާ ހަވާލާދީ ދަ އިންޑިޕެންޑެންޓްގައި ބުނެފައިވެ އެވެ.

އެއާއޭޝިއާގެ ފްލައިޓެއް ރަންވޭއިން ކައްސާލާފައި މިވަނީ، އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ކިއުޒެޑް 8501 ގެއްލިގެން ބަލަމުންދާ ކަނޑުގެ ސަރަހައްދުން މަރުވެފައިވާ 40 މީހެއްގެ ހަށިތަކަކާއި ބޯޓުގެ ބައިތަކެއް ފެނިފައިވަނިކޮށެވެ.