ސްރީލަންކާ ތަމަޅައިންގެ އެންމެ ބޮޑު ޕާޓީ އިން ވެސް އިދިކޮޅު ކެންޑިޑޭޓް މައިތިރި ޕާލާ ސިރިސޭނާ އަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

ދަ ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އާ ހަވާލާދީ މެއިލް އޮންލައިން ނޫހުން މިއަދު ބުނީ ރައީސް ރާޖަޕަކްސާ ބަލިކުރުމަށް އަންނަ ހަފްތާގެ ބްރާސްފަތި ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އެންޑޯސްކޮށް، އޭނާ އަށް ތާއީދު ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ޓީއެންއޭގެ ލީޑަރު ރާޖާވަރޯތިއަމާ ސަމްޕަންތަން ވިދާޅުވީ އިދިކޮޅު ކެންޑިޑެޓް ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރުމަށް ދެއްވޭނެ އެންމެ ބޮޑު ސަޕޯޓް ދެއްވާނެ ކަމަށެވެ.

ޓީއެންއޭ އަކީ އަބަދު ވެސް ރާޖަޕްކްސާއާ ދެކޮޅު ޕާޓީ އެކެވެ. ނަމަވެސް ރާޖަޕަކްސާ ބަލިކުރުމަށް އިދިކޮޅު ކެންޑިޑޭޓް ސިރިސޭނާ އަށް ފާޅުގައި ސްޕޯޓް ކުރި މިއީ ފުރަތަމަ ފަހަރެވެ. އެ ޕާޓީ އިން އުންމީދު ކުރަނީ އެ އިންތިހާބުގައި ރާޖަޕްކްސާ ބަލިކޮށް، އޭނާގެ ނުވަ އަހަރުގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

ޓީއެންއޭ އިން އިދިކޮޅު ކެންޑިޑޭޓް އެންޑޯސްކޮށް، ރައީސް ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ކޯލިޝަން މި އެންޑޯސް ކުރީ، ދެ ވަނަ އަށް އެެންމެ ބޮޑު މައިނޮރަޓީ ޕާޓީ، ދަ ސްރީލަންކާ މުސްލިމް ކޮންގްރެސް ޕާޓީ އިން ސިރިސޭނާގެ އިދިކޮޅު ކޮލިޝަން އެންޑޯސް ކުރިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.

ލަންކާގައި ވޯޓު ދޭ މީހުންގެ 23 ޕަސެންޓް މުސްލިމުންނާއި ތަމަޅައިންނަށް ނިސްބަތްވާ އިރު އެންމެ ބޮޑު ނަސްލު، ސިންގަޅައިން ވަނީ ދެ ބަޔަކަށް ބެހިފަ އެވެ.

ރައީސް ރާޖަަޕކްސާ އާއި އިދިކޮޅު ކެންޑިޑޭޓް އަދި ރާޖަޕަކްސާގެ ކުރީގެ ހެލްތު މިނިސްޓަރު ސިރިސޭނާއާ ދެ ބޭފުޅުން ވެސް ނިސްބަތް ވަނީ ބުދު ދީނުގެ ސިންގަޅައިންނަށެވެ.

މި މަހު 8 ވަނަ ދުވަހު އިލެކްޝަނަށް ފޯމްލީ ދުވަހު ރާޖަޕަކްސާ އާއި ސިރިސޭނާ ސަލާމް ކުރައްވަނީ: ރާޖަޕަކްސާ އަށް ގޮންޖެހުންތައް އަންްނަނީ އިތުރުވަމުން

ތިރީސް ހަތް އަހަރުވަންދެން ހިންގި ގޮރިއްލާ ހަނގުރާމަ 2009 ވަނަ އަހަރު ނިންމުމުން ރައީސް ރާޖަޕަކްސާގެ މަގުބޫލުކަން ވަނީ ސިންގަޅައިންގެ މެދުގައި އިތުރުވި އެވެ. ނަމަވެސް އދ. އިން ބުނަނީ، 1972 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ހިންގި އެ އަހުލީ ހަނގުރާމަ ނިމުނު އިރު 100،000 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ހަނގުރާމައިގެ އެންމެ ފަހު އަހަރު، 2009 ވަނަ އަހަރު އެކަނި ވެސް މައުސޫމް 40،000 އަށް ވުރެ ގިނަ މީހުން ލަންކާ ސިފައިންގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ. އަދި އދ. އިން ވަނީ ކޮމިޝަނެެއް އުފައްދައި އެ މައްސަލަ ބެލުމަށް ނިންމައިފަ އެވެ. ނަމަވެސް ރާޖަޕަކްސާގެ ސަރުކާރުން އެކަމަށް އެއްބާރުލުމެއް ނުދެ އެވެ.

ހަނގުރާމަ އަށް ފަހު ރާޖަޕަކްސާގެ މަގުބޫކުލުކަން މައްޗަށް ދިޔަ ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕްރޮވިންސަލް އިންތިހާބުގައި ރާޖަޕްކްސާގެ މަގުބޫލުކަން ކުރި އަށް ވުރެ 21 ޕޮއިންޓް ދަށަށް ދިޔަ އެވެ.

"ނަސްލީ ތަފާތުތައް ނައްތާލުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ރައީސް ރާޖަޕަކްސާ އަށް ލިބިވަޑައިގަތް، އެކަމަކު އޭނާ ވަނީ ފޭލުވެފައި،" ސަމްޕަންތަން ވިދާޅުވި އެވެ. "އަހަރުން މި މަސައްކަތް ކުރަނީ އުންމީދާއި އިހްތިރާމާއި ދާއިމީ ހައްލުތަކެއް ހޯދުމަށް އަދި ބައިބައި ނުވެ، އެއްކޮށް އުޅެވޭނެ ސްރީލަންކާއެއް ހޯދުމަށް."

ތަމަޅައިން ބޭނުން ވަނީ ކުޑަވަރެއްގެ ބާރަކާއި އަދި ބިރުދެއްކުމާއި ނުފޫޒުތަކުން އެއްކިބާވެފައިވާ ސަރަހްދަކަށް ޖެފުނާވާ ތަން ފެނުމަށެވެ.

ސަމްޕަންތަން ވިދާޅުވީ ރާޖަޕަކްސާ ބަލިކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން ތަމަޅައިންނަށް އެބަ އޮތް ކަމަށެވެ. ނަމަވެސް އޭނާ ގޮވާލެއްވީ ވޯޓުލާއިރު، ޗީފް އޮފް އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ފިއްތުންތައް ކުރިމަތި ނުކޮށް ތަމަޅައިންނަށް ވޯޓު ލުމުގެ ފުރުސަތު ދިނުމަށެވެ.

މިނިވަން އަދި އަމިއްލަ މޮނިޓަރުން ބުނަނީ، ކުރީގެ ހަނގުރާމަމަތީ ސަރަހައްދުގައި ވޯޓުލާ އިރު ސިފައިން ނެރެ ތަމަޅައިން ޥޯޓުލުމަށް ބިރު ދެއްކުމުގެ ފުރުސަތު އޮތް ކަމަށާއި އަދި އެކަމުގެ ނަތީޖާއަކަށް ވާނީ އިދިކޮޅު ކެންޑިޑެޓަށް ލިބޭ ވޯޓު މަދުވުން ކަމަށެވެ.

ސިފައިންގެ ފިއްތުންތައް އޮތް ނަމަވެސް 2013 ވަނަ އަހަރު ނޯތު ޕްރޮވިންސްގައި ބޭއްވި ލޯކަލް އިލެކްޝަން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ ޓީއެންއޭގެ ކެންޑިޑޭޓެވެ. ނަމަވެސް ސަމްޕަންތަން ވިދާޅުވީ ހުދުމުހުތާރު ރާޖަޕަކްސާގެ ސަރުކާރުގެ ފިއްތުމާ އެކު މާނަ ހުރި ގޮތެއްގައި ލޯކަލް ސަރުކާރަށް މަސައްކަތް ކުރުމުގެ ފުރުސަތު މިދިޔަ އަހަރު ދީފައި ނުވާ ކަމަށެވެ.

ރާޖަޕަކްސާ ވަނީ ދައުލަތުގެ ބާރުތައް އަތްދަށުލައިފަ އެވެ. އަދި ރައީސް ރާޖަަޕްކްސާ އާ ދެކޮޅު މައްސަލައެއް ނިންމި ހިސާބުން ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު މަގާމުން ދުރުކޮށް، ރާޖްޕަކްސާގެ އަމިއްްލަ ގާނޫނީ ވަކީލު އެމަގާމަށް އައްޔަންކޮށްފަ އެވެ.