މުވައްޒަފެއްގެ ހައްގަށް ބަލާއިރު ރައްޔިތުންގެ ހައްގަށް ވެސް ބަލަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓު (ސީއެސްޓީއައި)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަތީފު މިއަދު ވިދާޅުވީ ރައްޔިތެއްގެ ހައްގަށް ބަލާއިރު އެތަނެއްގެ މުވައްޒަފުން އެ ހައްގުތައް އަދާކޮށްދޭން ޖެހޭނެ ކަމަށެވެ.

"އިދާރާގެ ހައްގުތަކަކީ ކޮބާ؟ އިދާރާގެ ހައްގުތަކަކީ ދިވެހި ރާއްޖޭގެ 350،000 ރައްޔިތުންގެ ވެސް ހައްގު. ހަމަ އެގޮތަށް މުވައްޒަފެއްގެ ހައްގުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ ރައްޔިތުންގެ ހައްގަށް ވެސް. އެހެން ކަމުން އަޅުގަނޑުމެންނަށް އެބަ ޖެހޭ ރައްޔިތުންގެ ހައްގުތައް އަދާކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް އަދާކުރުމުގައި ސިވިލްސާވަންޓުން "ފުރިހަމަ" އަހުލާގެއް ގެންގުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއެސްއައިޓީ އިން މިއަދު ކޯސްތައް ހެދި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު އެކި ކޯސްތަކުގައި ޖުމްލަ 150 ދަރިވަރުން ބައިވެރިވެފައިވެ އެވެ. ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގައި 28 ދަރިވަރުން ބައިވެރިވެފައިވާއިރު ސެޓްފިކެޓް ތުރީ އިން އޮފީސް އެޑްމިނިސްޓްރޭޝަންގައި ބައިވެރިވީ 53 ދަރިވަރުންނެވެ. ސެޓްފިކެޓް ތުރީ އިން އެކައުންޓިން އެންޑް ފައިނެންޝަލް އެޑްމިނިސްޓްރޭޝަންގެ ދެ ވަނަ ބެޗު މިއަދު ދަސްވެނިވެފައިވާއިރު އެކޯހުގައި ބައިވެރިވެފައިވަނީ 25 ދަރިވަރުންނެވެ. ސެޓްފިކެޓް ތުރީ އިން އަސީޓީ ފޯ އޮފީސް މެނޭޖްމެންޓްގައި 17 ދަރިވަރުން ބައިވެރިވިއިރު ސެޓްފިކެޓް ތުރީ އިން ޕްރޮޖެކްޓް މެނޭޖްމެންޓުގައި ބައިވެރިވެފައި ވަނީ 27 ދަރިވަރުންނެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޯހުގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ތިން ދަރިވަރުން ހޮވާފައިވެ އެވެ. އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ހުސައިން ވަހީދެވެ. އަދި ދެވަނަ ދަރިވަރަކަށް ހޮވުނީ ނުޒުހަތު ހުސައިން އެވެ. ތިންވަނައަށް އެންމެ މޮޅު ދަރިވަރަކީ ހުސައިން ރަމީޒެވެ.

ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އިންސްޓިޓިއުޓްގެ ޓްރެއިނިން ޑައިރެކްޓްރީ އެއް އިފްތިތާހު ކުރިއިރު "ނިއުސް ލެޓާ"ގެ ފުރަތަމަ އަދަދު ނެރެފައިވެ އެވެ.