30 Dec 2014, 17:54
ގދ. ހޯނޑެއްދޫގައި "އެފްއޭއެޗް ހޯނޑެއްދޫ ކައުންސިލް ކަޕް 2014" ގެ ނަމުގައި ފުޓްސެލް މުބާރާތެއް ފަށައިފި އެވެ.
ގދ. ހޯނޑެއްދު ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް ހޯނޑެއްދޫއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތް ފަށާފައި ވަނީ އިއްޔެ އެވެ. އެ މުބާރާތުގައި އިއްޔެ ދެ މެޗު ކުޅެފައި ވާއިރު، މިއަދުވެސް އެ މުބާރާތުގެ ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ.
އެ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ބެނެފިކާ އާއި ކްލަބް ސިނަލޯއާ އެވެ. އެ މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރި ވެފައެވެ. އަދި އެ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ސިލްވާ އެފްސީ އާއި އޯ ނިސްޕޯޓްސް ބައްދަލުކުރިއިރު، އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިލްވާ އެފްސީ އެވެ.
އެ މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޔުނައިޓަޑް އެފްސީ އާއި ކްލަބް ސިނަލޯއާ އެވެ. އަދި އެ މުބާރާތުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެއްޔަ ސްޕޯޓްސް އާއި ލިއޮން ސްޕޯޓްސް އެވެ.
ގދ. ހޯނޑެއްދުގެ ހަ ޓީމެއް ވާދަކުރާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ މަތިން ޕޮއިންޓު ހޯދައި ހަތަރު ޓީމްގެ މެދުގައި ސެމީފައިނަލެއް ކުޅުމަށްފަހު، އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ ފަސްވަނަ ދުވަހުއެވެ.
އެ މުބާރާތާ ބެހޭގޮތުން މައުލޫމާތު ދެމުން ހޯޑެއްދު ކައުންސިލުން ބުނީ އެ މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި ހޯންޑެއްދުގެ ކުޅުންތެރިންނަށް ކަމަށާއި، އެ މުބާރާތުގެ މަގްސަދަކީ ހޯނޑެއްދު ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރުން ކަމަށެވެ. އަދި މި އަހަރު ފެށި އެ މުބާރާތް އަންނަ އަހަރުވެސް ބާއްވަން ހަމަޖެހިފައި ވާކަމަށް ގދ. ހޯންޑެއްދު ކައުންސިލުން މައުލޫމާތު ދިނެވެ.