ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ރިޔާސީ ކެމްޕޭނުގައި ބައިވެރިވެފައިވާ އިންޑިއާގެ ފިލްމީ ތަރި ސަލްމާން ޚާން އެކަން ހުއްޓާލާފައި އެނބުރި ގައުމަށް ދިއުމަށް ލަންކާގެ ޕާލަމެންޓް މެމްބަރެއްގެ ގޮތުގައި ހުރި ފިލްމީތަރިއަކު ގޮވާލައިފިއެވެ.

ސްރީލަންކާ ޕާލަމެންޓްގައި އިދިކޮޅު މެމްބަރެއްގެ ގޮތުގައި ހުރި ރަންޖަން ރާމަނަޔަކެ އާއްމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ސަލްމާން ޚާނަށް ގޮވާލާފައި ވަނީ ޚިޔާނާތްތެރި ސިޔާސީ މީހުންނަށް ނަފުސު ވިއްކައި ނުލުމަށެވެ.

"...ތިބާ ސްރީލަންކާގައި ވަރަށް މަޝްހޫރު. އަހަރެން މީ ތިބާއަށް ތާއީދު ކުރާމީހެއް. އަހަރެން ތިބާއަށް މިބުނަނީ އެނބުރި އިންޑިއާއަށް ދާށޭ. ޚިޔާނާތްތެރި ސިޔާސީ މީހުންނަށް ނަފުސު ވިއްކައި ނުލާށޭ،" ރާމަނަޔަކެ ގެ މެސެޖްގައި އޭނާ ބުނެފައި ވެއެވެ.

ވީޑިއޯގައި އޭނާ އަދި ބުނެފައި ވަނީ ސްރީލަންކާގެ ސިޔާސީ ކަންތައްތައް ސަލްމާން ޚާނަށް ނޭނގޭނެ ކަމަށެވެ. ކެމްޕޭން ހުއްޓާލާފައި ދިއުމަށް އެދެނީ ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. އޭނާ އަދި ބުނެފައި ވަނީ އާޓިސްޓެއްގެ ގޮތުގައި ލަންކާ މީހުން ސަލްމާން ދެކެ ލޯބިވާ ކަމަށެވެ.

ބޮލީވުޑްގެ މައްޝޫރު ތަރި ސަލްމާން ހާން އާއި ޖެކުއަލިން ފެނާޑިސް ސްރީލަންކާގެ ރައީސް މަހިންދަ ރާޖާ ޕަކްސާގެ ރިޔާސީ ކެމްޕެއިންގައި އިއްޔެ ވަނީ ބައިވެރިވެފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ދެ ތަރިންނަށް ރާޖަޕަކްސާގެ ކެމްޕެއިންގައި ބައިވެރިވުމަށް ދައުވަތުދީފައި ވަނީ ރާޖަޕަކްސާގެ ފިރިހެން ދަރިފުޅު ނަމަލް އެވެ. އެ ދެ ތަރިން ސްރީލަންކާ އަށް ގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ ސްރީލަންކާގެ ތާރީހުގައި ވެސް އިންޑިއާގެ ފިލްމީ ތަރިއަކު ރިޔާސީ ކެމްޕެއިން ކުރާ ފުރަތަމަ ފަހަރެވެ.

ސަލްމާން ހާން އާއި ޖެކުއަލިން ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ޝޯއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި އެ ދެ ތަރިންގެ އިތުރުން ބޮލީވުޑްގެ ބައެއް އެހެން ތަރިން ބައިވެރިވާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. އަދި ރާޖަޕަކްސާގެ ކެމްޕެއިން ޓީމުން ބޭއްވި މެޑިކަލް ކޭޕެއްގައި ވެސް ސަލްމާންހާން އާއި ޖުކެއަލިން ވަނީ ބައިވެރިވެފަ އެވެ.

ބޮލީވުޑްގެ މި ދެ ތަރިން ރާޖަޕަކްސާގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެފައިވާއިރު އިންޑިއާގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ބޮޑުވަޒީރު ނެރަންދުރަ މޯދީގެ ސޯޝަލް މީޑިއާ ކެމްޕޭން ހިންގެވި އާރުކާޓީ އަރުވިންދު ގުޕްތާގެ ވެސް ރާޖަޕަކްސާގެ ކެމްޕެއިނަށް އެހީތެރިވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ސްރީލަންކާއަށް ނިސްބަތްވާ ޖެކުއަލިން އާއި ސަލްމާން ހާން އެކުގައި ކުޅުނު ހިންދީ ފިލްމް "ކިކް" އަށް ފަހު އެ ދަތަރިން ވަނީ އިންޑިއާގެ އިތުރުން ސްރީލަންކާއާ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ހޯދައިފަ އެވެ.

ޖެނުއަރީ އަށެއްގައި ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބްގައި ރާޖަޕަކްސާގެ އިތުރުން ވާދަކުރަނީ އެގައުމުގެ ކުރީގެ ޕާލިމަންޓް މެންބަރެއް ކަމުގައިވާ މައިތްރީޕަލާ ސިރިސެނާ އެވެ.