30 Dec 2014, 17:46
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ނޭބާހުޑް އެކެއްގައި އިމާރާތްކޮށް ނިންމާފައިވާ ޕްރީސްކޫލުގެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.
އެޗްޑީސީ އިން ނިންމާފައިވާ އެ އިމާރާތުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ސްކޫލް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހްމަދެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ.
ޕަބްލިކް- ޕްރައުވެޓުކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސްކޫލާ ހަވާލުވުމަށް މިނިސްޓްރީން އިއުލާނު ކުރުމުން ފަސް ފަރާތެއް ބިޑު ހުށަހަޅާފައިވެއެވެ. މިހަފްތާ ނިމުމުގެ ކުރިން އެއިން ފަރާތެއް ކަނޑައެޅޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އިބްރާހީމް އިސްމާއީލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ 2015 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އެހެން ސްކޫލުތަކެކޭ އެއްފަދައިން އެ ޕްރީސްކޫލުގައިވެސް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަމުން މިދަނީ ބަޔަކާ ހަވާލުކޮށްގެން މިސްކޫލުވެސް އެހެން ސްކޫލުތަކެކޭ އެއްފަދައިން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އަލަށް ހުޅުވާ ޕްރީސްކޫލުވެސް ޖެނުވަރީ 11 ގައި ހުޅުވުމަށް،" އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
އެ އިމާރާތުގެ އިތުރުން ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހަދިޔާ ކުރާ ޕްރީސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވެއެވެ. އަދި އެސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަހުކޮޅު ނިމި 2016 ގައި ހުޅުވި ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި ޕްރީސްކޫލަކީ އަށް ކްލާސްރޫމްގެ ޕްރީސްކޫލެކެވެ. އޭގެ އިތުރުން އެސްކޫލުގައި ކޮމްޕއުޓަ ލެބަކާއި އޯޑިއޯ-ވިޝުއަލް ކްލާހެއް އަދި ހޯލެއް އިންނާނެއެވެ. ދިހަ މިލިއަނަށްވުރެ ގިނަ އަދަދަށް ޚަރަދުވެފައިވާ އެސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެއެވެ. ތިން ގަޑިއިރުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ސެޝަނެއްގައި 200 ދަރިވަރުންނަށް ކިޔެވޭނެއެވެ.