ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މާދަމާ އައްޑު އަތޮޅުގައި ވެސް ބޭއްވުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މިރޭ އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް އިސްތިސްނާ ކުރުމެއް ނެތި ލޯކަލް ކައުންސިލްގެ އިންތިހާބު އެކަމަށް ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ. އެ އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ގާނޫނީ ގޮތުން ލިބިފައިވާ އެފަދަ އެއްވެސް ހައްގެއް ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ތާރީހުގައި އެ ހައްގެއް ބޭނުން ނުކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާ ހައްގުތަކާއި މިނިވަންކަމުގައި ތަފާތު ނުކުރުމުގެ އުސޫލާއި 20 ވަނަ މާއްދާގައި ބުނެފައިވާ ހަމަހަމަ ކަމުގެ އުސޫލާ އެއްގޮތްވާނެ ކަމެއް ނޫން ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެފަދަ ނިންމުމެއްގެ ސަބަބުން ދިވެހި މުޖްތަމައުގެ ވަކި ބައެއްގެ މެދުގައި ހަމަނުޖެހުން އުފެދި ގައުމު ހަލަބޮލިކަމާ ކުރިމަތިލާންޖެހިދާނެ ނިންމުމަކަށް ވެދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާ އެކު އަދުލްއިންސާފު ގާއިމް ކުރަން ކަށަވަރު ކުރުމާއި އެއްވެސް ތަފާތަކާ ނުލައި ރައްޔިތުންނަށް އަދުލް އިންސާފު ލިބިދިނުމުގެ މަސްއޫލިއްޔަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީއާ ގާނޫނުގެ ބެލެނިވެރިކަމުގެ ދަށުން އެ ކޯޓުން އަދާ ކުރަން ޖެހޭނެ މަސްއޫލިއްޔަތެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ އިންތިހާބުގައި ބައިވެރިވާ އައްޑޫ އަތޮޅުގެ ކެންޑިޑޭޓުންނާއި ވޯޓު ލުމުގެ ހައްގު ބޭނުން ކުރަންޖެހޭ އެ ދާއިރާގެ ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގަށް ހުރަސް އެޅޭ ގޮތަށް އެ ދާއިރާގެ އިންތިހާބު އެ ތާރީހުގައި ނުބޭއްވުމަށް އިލެކްޝަންސް އިން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ ނިންމުމެއް ނޫން ކަމަށެވެ.
"ދިވެހި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2011 ބޭއްވުމަށް ކަނޑައަޅާފައިވާ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ އިންތިހާބު ދިވެހި ރާއްޖޭގެ އެހެނިހެން ދާއިރާތަކެކޭ އެއްފަދައަކުން އައްޑޫ ދާއިރާގައި ވެސް އެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ އަމުރުކޮށްފީމެވެ،" އެ އަމުރުގައިވެ އެވެ.
އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާއިރު އައްޑޫ ސިޓީ ކައުންސިލް އުފެއްދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
---------------------
މާދަމާ އައްޑޫގައި އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، އައްޑޫގައި އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަ ކަމަށް ހުރަަސްއެޅޭ ކަމަކަށްވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އައްޑޫގައި މާދަމާ ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރިފައި ވަނީ އެއްވެސް އަޑުއެހުމެއް ބޭއްވުމަކާ ނުލަ އެވެ.