30 Dec 2014, 20:26
މޮސްކޯ (ޑިސެމްްބަރު30): ދެހާސް ނުވަ ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރަޝިޔާގެ ގައުމީ އާމްދަނީ ދަށަށް ހިނގައްޖެކަން އެ ގައުމުން ހާމަކޮށްފި އެވެ.
ރަޝިޔާގެ އިގްތިސާދާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި ނޮވެމްބަރު މަހު ރަޝިޔާގެ ގައުމީ އާމްދަނީ (ޖީޑީޕީ) ސުމެއް ޕޮއިންޓް ފަހެއް އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށާއި މިއީ 2009 ވަނަ އަހަރަށްފަހު އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމުގަ އެވެ. ރަޝިޔާގެ ގައުމީ އާމްދަނީ ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުން ކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާވަނީ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީގެ މައްޗަށް ކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުދާނަމަ ރަޝިޔާގެ ގައުމީގެ އާމްދަނީގެ މިންވަރު އަދިވެސް ދަށަށްދާނެ ކަމަށް އިގްތިސާދީ ތަޖްރިބާކާރުން ވިދާޅުވެ އެވެ.
ރަޝިޔާގެ އިގްތިސާދަށް ލޮޅުންއެރި ޚަބަރާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެއީ ރަޝިޔާގެ މައްޗަށް އެމެރިކާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފަ އެވެ. އޮބާމާ ވިދާޅުވީ ރަޝިޔާގެ އިގްތިސާދަށް ލޮޅުން އެރީ ޔުކްރޭންގެ މައްސަލައާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި ވިލާތުގެ އިއްތިޙާދުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމުގަ އެވެ. އަދި މިއީ ރަޝިޔާއަށް ލިބުނު ވަރުގަދަ ފިލާވަޅެއް ކަމަށް ވެސް އޮބާމާ ސިފަކުރެއްވި އެވެ. އެމެރިކާއާއި އެމެރިކާއަށް ބަރޯސާވާ ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައި ވަނީ ދަތިކުރުމުގެ ވަރަށް އާދައިގެ ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތައް އަޅާފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް ރަޝިޔާގެ އިގްތިސާދަށް ލޮޅުން އަރާފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެފައެއް ނުވެ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވަނީ ރަޝިޔާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި ދުވަސްތަކަށް ކެތްކުރުމަށް އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. މި ދަތިތަކުން އަރައިގަތުމުގެ ގާބިލްކަން ރަޝިޔާއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ރަޝިޔާ ހުޅަނގަށް ބޯނުލަނބާނެ ކަމަށާއި އެއަށްވުރެ ރަޝިޔާއަކީ ވަސީލަތްތައް ގިނަ ބާރުގަދަ ގައުމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ދެހާސް ތޭރަ ވަނަ އަހަރު ރަޝިޔާގެ ގައުމީ އާމްދަނީއަކީ ގާތްގަނޑަކަށް 2.3 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. (ނޫސްއެޖެންސީތައް)