ޗެންޕިއަން ޓީމަށް 200،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، އައްޑޫ ސިޓީގައި ފަށައިފި އެވެ.

"ޖުނާ ފުޓްބޯޅަ ޗެލެންޖް 2014"ގެ ނަމުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެ މުބާރާތް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ މުބާރާތުގައި އައްޑޫ ސިޓީ އިން އަށް ޓީމެއް ވާދަކުރާ އިރު، މިހާތަނަށް އެ މުބާރާތުގައި ވަނީ ހަތަރު މެޗު ކުޅެފަ އެވެ.

އެ މުބަރާތުގައި ހުކުރު ދުވަހު ކުޅުނު މެޗު 4-3ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މަލްޓި ޖީނިއަސް އެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އެ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ދަ ފޭދު އާއި ޒެފިއަރ އެފްސީ އެވެ. އެ މެޗު 5-1 ގެ ނަތީޖާއަކުން ދަ ފޭދޫ ކާމިޔާބު ކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ އަލީ ނާފިއު އެވެ.

އެ މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު ތިންވަނަ މެޗުގައި އެމްސީ ޔުނައިޓަޑް އާއި މުލިމަތި ޔުނައިޓަޑް ބައްދަލުކުރި އިރު، އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެމްސީ ޔުނައިޓަޑް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްސީ ޔުނައިޓަޑްގެ ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިން އިބްރާހިމް މުހައްމަދު ފާރިޝް އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު މުބާރާތުގެ ހަތަރު ވަނަ މެޗުގައި ބައްދަލުކުރީ ފްރެންޑްސް ކްލަބާއި ގޯދިއްޔާ އެވެ. އެ މެޗު ތަފާތު ބޮޑު 6-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ފްރެންޑްސް ކްލަބެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ފްރެންޑްސް ކްލަބުން ކާމިޔާބު ކުރި ފުރަތަމަ ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަންޑް މަންސަރީ އެވެ. އަދި ފްރެންޑްސް ކްލަބުގެ ކެޕްޓަން އަހުމަދު ސައީދު (އަންމަޓީ) އާއި މިފްޒާލް ލަތީފް ދެ ލަނޑު ކާމިޔާބު ކުރިއިރު، މެޗުގައި އެ ޓީމްގެ އެންމެ ފަހު ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބޫ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އަބޫ އެވެ.

މީގެ ކުރިން "ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް"ގެ ނަމުގައި ބާއްވަމުން އައި އެ މުބާރާތް މިއަހަރު ވަނީ "ޖުނާ ފުޓްބޯލް ޗެލެންޖް" އަށް ރީބްރޭންޑް ކޮށްފަ އެވެ. އަދި އެ މުބާރާތުގެ ޗެންޕިއަން ޓީމަށް މިދިޔަ އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، މި އަހަރު އެ އިނާމް ވަނީ 200،000 ރުފިޔާއަށް ބޮޑު ކޮށްފަ އެވެ. މީގެ އިތުރުން މިއަހަރު އެ މުބާރަތުގެ ރަނަރަޕް ޓީމަށް ވެސް ފައިސާގެ އިނާމްގެ ގޮތުގައި 75،000 ރުފިޔާ ދޭން ވަނީ ހަމަޖެހިފަ އެވެ.