ޓޫރިޒަމް ކައުންޓް ޑައުން ޝޯގައި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބައިވެރިނުވެވުނު ނަމަވެސް، ޝޯ ކުރިއަށްދާނެ ކަމަށާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ތެދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު އެގޮތަށް ވިދާޅުވީ، އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި އަދީބު ވިދާޅުވެފައި ވަނީ، ސިޔާސީ ނުބައި ރޭވުންތަކުގެ ސަބަބުން ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ތެދުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.



ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އާއަހަރާ ދިމާކޮށް ސަރުކާރުން ބާއްވަން ހަމަޖައްސާފައިވާ ޓޫރިޒަމް ކައުންޓް ޑައުން ޝޯގައި ބައިވެރިވެވެން ނެތްކަމަށް، އެ ޝޯއަށް ގެންނަން މަސައްކަތްކުރި ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ޖެމެއިކާގެ ލަވަކިޔުންތެރިޔާ ޝޯން ޕޯލް އިއުލާންކޮށްފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރޭ މެންދަމު އާންމު ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި އޭނާ އަށް ބައިވެރިވެވެން ނެތީ އޭނާ އާއި އޭނާގެ ދަތުރުގެ ބައިވެރިންގެ ސަލަމާތަކަށް ޓަކައި ކަމަށެވެ. ޝޯން ޕޯލަށް މަރުގެ އިންޒާރުދީ ޔޫޑިއުބްގައި އާންމު ކުރި ވީޑިއޯ އަށް އިޝާރާތްކޮށް ޝޯން ޕޯލް ބުނެފައި ވަނީ އިންޓަނެޓް މެދުވެރިކޮށްދޭ އިންޒާރުތަކުގެ އަސަރު ހަގީގީ ދިރިއުޅުމަށް ކުރާ ކަމަށާއި ޝޯގައި ބައިވެރިވެވެން ނެތް ކަން ހާމަ ކުރަން ޖެހޭނީ ހިތާމަޔާއެކުގައި ކަމަށެވެ.