30 Dec 2014, 15:00
ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން އައިޝާ ޝުޖޫން މުހައްމަދު އިސްތިއުފާދެއްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސިވިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ޖުޑީޝަލް ސާވިސްކޮމިޝަނަށް އޭނާ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ކޮޕީއެއް އެ ކޯޓަށް ވެސް ޝުޖޫން ފޮނުއްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޝުޖޫން އިސްތިއުފާ ދެއްވީ ކޮންސަބަބަކާ ހެދިކަމެއް އަދި ސާފެއް ނުވެއެވެ. އޭނާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގަރާރެއް ނެރުނު މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. އެ ގަރާރުގައި ޝުޖޫން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ޝުޖޫން އިސްތިއުފާދެއްވާފައިވާއިރު، އޭނާ ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
އެ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝުޖޫން ވިދާޅުވީ ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށާއި އަދި އެވަގުތު އެކަމާ ނުރުން ފާޅުކޮށް ހަރުއަޑުން އެކަމާ ދެކޮޅު ހެދުމުގެ ޝުއޫރު ފާޅުކޮށްފައިވާނެ ކަމަށެވެ.