ޑިސްކައުންޓް ލިބޭ ފެން ބިލް ރައްދުކުރެވޭ ވަރު ވާނީ މިފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ބުނެފި އެވެ.

އެކުންފުނީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޑިސެމްބަރު މަހުގެ ފެން ބިލް ރައްދުކޮށްދިނުން ލަސްވެފައި ވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން ކަމަށާއި އެބިލް ރައްދުކުރެވޭ ވަރުވާނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކަމަށެވެ. އެބިލަކީ ފެނުގެ ހާދިސާގެ ސަބަބުން ޑިސްކައުންޓު ދޭ ބިލްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިސެމްބަރުގެ ފެންބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރަމުން ގެންދިޔުމާ ގުޅިގެން ފެންބިލް ތައްޔާރުކުރުން ވަނީ ލަސްވެފައި،" އެމްޑަބްލިޔްއެސްސީއިން ބުންޏެވެ.

ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް އެމްޑަބްލިއުއެސްސީގެ ބޯޑުން ނިންމާފައިވާ ކަމަށް، މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޓާސްކްފޯސް އިން ވަނީ ކުރިން އިއުލާން ކޮށްފަ އެވެ.