30 Dec 2014, 13:28
މެލޭޝިޔާގެ އިރު އުތުރު ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި އިންޑޮނޭޝިއާ ގެއިންޑޮނީޝިޔާގެ ސުރާބަޔާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ އެއާ އޭޝިޔާގެ މަތިންދާބޯޓެއް ގެއްލުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ދެ ގައުމަށް ހަމްދަރުދީގެ މެސެޖް ފޮނުއްވައިފި އެވެ.
މެލޭޝިޔާގެ އިރުއުތުރު ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، މެލޭޝިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުއްރައްޒާގަށް، ރައީސް ފޮނުއްވި މެޖެސްގައި މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި މިހާތަނަށް ނުފެނިވާ މީހުން ހޯދުމުގެ މަސައްކަތް ހިނގަމުންދާ އިރު، އެމީހުން ސަލާމަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ މެސެޖުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، މެލޭޝިޔާގެ ބޮޑުވަޒީރަށާއި، މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެ، އެމީހުން ސަލާމަތްކުރުމުގެ މަސައަކަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސް ވަނީ ތައުރީފު ކުރައްވާފަ އެވެ.
މީގެއިތުރުން މިދިޔަ އާދީއްތަ ދުވަހު އިންޑޮނީޝިޔާގެ ސުރާބަޔާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ އެއާ އޭޝިޔާގެ މަތިންދާބޯޓެއް ގެއްލިފައިވާތީ، އެކަމުގެ ހިތާމައިގައި އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވީދޯދޯ އަށް ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެެފައިވެ އެވެ. އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި މި ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށް ވެސް ހަމްދަރުދީ ރައްދުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.