ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ނިއުއާމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާވެސް އާ އެއްބަސްވުމެއްގެ ދަށުން އޭނާ ނިއުއަށް ސޮއިކޮށްފިއެވެ.

ކުޑައްޓޭ އާ އެއްބަސްވުމެއްގެ ދަށުން ނިއުއަށް ސޮއިކުރިކަން އެ ކްލަބުން ހާމަކޮށްފައި ވަނީ މިއަދު އެވެ. މިއަދު އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ވަނީ އެންމެ ފަހުން އެ ކްލަބުން އޭނާއާ މެދު ވެފައިވާ އެއްބަސްވުން މިދިޔަ ސީޒަން ނިމުމުން ހަމަވެފައި ވާކަމަށާއި، އޭނާ އެ ކްލަބަށް އަނެއްކާވެސް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ނިއުއިން ބުނި ގޮތުގައި ކުޑައްޓޭ އަކީ އެ ކްލަބަށް އެންމެ ގިނަ ދުވަހު ކުޅެދިން އެއް ކުޅުންތެރިޔާ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ނިއުއިން ހޯދި ކާމިޔާބީ ތަކުގައި ކުޑައްޓޭގެ ހިއްސާ ވަރަށް ބޮޑު ކަމަށްވެސް އެ ކްލަބުގެ ބަޔާނުގައި ވެއެވެ.

އެންމެ ފުރަތަމަ 2004 ވަނަ އަހަރުން ފެށިގެން ނިއުއަށް ކުޅެދޭން ފެށި ކުޑައްޓޭ ވަނީ 2007 ވަނަ އަހަރުގެ އެފްއޭ ކަޕް އެ ކްލަބަށް މިލްކު ކޮށްދިނުމަށް އެހީތެރި ވެދީފައެވެ. އަދި 2005 ވަނަ އަހަރާއި 2013 ވަނަ އަހަރު އޭއެފްސި ކަޕްގެ ސެމީފައިނަލަށް ނިއު ދަތުރު ކުރުމުގައިވެސް އޭނާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އޭގެ އިތުރުން މިދިޔަ އަހަރު 100 ޕަސެންޓު ރިކޯޑަކާއި އެކު ދިވެހި ލީގު ނިންމާލާ، މިއަހަރު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް މިލްކު ކުރުމަށްވެސް އޭނާ ވަނީ ނިއުއަށް އެހީތެރިވެދީފައެވެ.

ނިއުއަށް ކުޅެދިނުމުގެ އިތުރުން ކުޑައްޓޭ ވަނީ ވެލެންސިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބުގައިވެސް ފާހަގަ ކޮށްލެވޭ ކަމިޔާބީތަކެއް ހޯދާފައެވެ. އަދި އޭގެ އިތުރުން 2005 ވަނަ އަހަރުން ފެށިގެން ކުޑައްޓޭ އަންނަނީ ރާއްޖޭގެ ގައުމީ ޓީމުގައިވެސް ޑިފެންޑަރެއްގެ މަގާމް އަދާކުރަމުންނެވެ.