30 Dec 2014, 13:37
ހުޅުމާލެ އިން ބަނގުރާ ފުޅިތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހުޅުމާލެ އިން ބަނގުރާ ފުޅިތަކަކާ އެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެމީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސިނާއީ ސަރަހައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ 22:40ގައި ހުޅުމާލެ ސުނާމީޖެޓީ ކައިރިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ތިން ފުޅި ބަނގުރަލާއި 4000 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ އައްޑޫ ސިޓީ ހިތަދޫ ފަޅު ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ މީހަކާއި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސް އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅީގެން ފުލުހުން ހައްޔަރު ކުރީ 54 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 14 އަހަރުގެ ފިރިހެން ދެކުދިން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 19:50ގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ބަނގުރާ ކައްކަމުން ދިޔަ ފަޅުގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި، 500 މިލި ލިޓަރުގެ ތިން ފުޅިއާއި 1.5 ލިޓަރުގެ ދެ ފުޅިއާއި ފަސް ލިޓަރުގެ ފުޅިއަކާއި 20 ލިޓަރުގެ ދެ ހަމުގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.