30 Dec 2014, 13:29
އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައި ދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، އެމިނިސްޓްރީން ހިންގި ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެ 86 ކުދިން ދަސްވެނިވެއްޖެއެވެ.
ތަފާތު އެކި ދާއިރާތަކުން ތަމްރީނު ހޯދައި ދަސްވާރު ޕްރޮގްރާމުގައި ދަސްވެނިވި ކުދިން މިއަދު ވަނީ އެ ކުއްޖަކު ތަމްރޯނު ހޯދި ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއެއް ހާސިލް ކޮށްފައެވެ. މިއަދު އިސްލާމީ މަރުކަޒިގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވާރު ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވެ، ކާމިޔާބީއާހަމައަށް އެކުދިން ވާސިލް ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕޮރޮގްރާމްއަކީ ރައީސް ޔާމިންގެ ރިއާސީ ވައުދުތަކުގެ ދަށުން ކޮންމެ ކުއްޖަކަށް ބޭނުންވާ ތައުލީމާއި، ތަމްރީނާއި، ހުނަރު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށާއި، ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ދަސްވެނިވި 86 ކުދިންގެ ތެރެއިން 17 ކުއްޖަކަށް މިހާރުވެސް ވަޒީފާ ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރެއް ކަމުގައިވާ މުހައްމަދު ޖައިދާން ހަސަން ވަނީ އެސްޓީއޯގައި މެކޭނިކެއްގެ ތަމްރީން ހާސިލް ކުރަން ލިބުމުން އެކަމުގެެ އުފާވެރި އިހުސާސްތަށް ހިއްސާކޮށްފައެވެ.
ޖައިދާން ބުނީ ކުރިން އެގުނީ އޭސީ އަކީ ފިނިވާ އެއްޗެއް ކަމަށާއި، އެހެންނަމަވެސް މިހާރު މައްސަލައެއް ދިމާވުމުން މަރާމާތު ކުރާން އެގޭ ކަމަށެވެ. އަދި މިހާރު އެސްޓީއޯއިން 16000 ހާސް ރުފިޔާއާ ގާތްކުރާ އަދަދެއްގެ މުސާރައާ އެކު ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނެ އެސްޓީއޯއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލޭގެ ސުކޫލުތަކުގެ ގުރޭޑް 10 އެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގި އެ ޕްރޮގަރާމްގައި މުޅި ޖުމްލަ 175 ކުދިން ބައިވެރިވިއެވެ.