އެއްވެސް ހަމަނުޖެހުމެއް ނެތި އިންސާފުވެރިކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދަނީ އިންސާފުވެރިކަމާއެކު އެއްވެސް ނުފޫޒެއް ނުވެދެތޯ ކަށަވަރު ކުރުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. އަދި އެ އިންތިހާބުގައި ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގު ފުރިހަމައަށް އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދައުލަތާއި ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނާއި އޮފިޝަލުން އެބޭފުޅުންގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމަށް ކޮމިޝަނުން ގޮވާލައިފައިވެ އެވެ. އަދި އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މަސައްކަތް ކުރުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.