ފުޓްބޯޅައަކީ ވަރަށް ރީތި ކުޅިވަރެއް ކަމަށާއި، ފުޓްބޯޅައަކީ ރަނގަޅު އަހުލާގު ދަމަހައްޓަން އެހީވެދޭ ކުޅިވަރެއް ކަމަށް ރައްޔިތުން މަޖުލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމްގެ ކުރީގެ ފޯވާޑު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޕޮލިސް ޔޫތު ޗެލްނެޖް ކަޕް ފެށުމުގެ ގޮތުން މާފަންނު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޮމް ވިދާޅުވީ ކޮންމެ ކުޅިވަރެއްގައިވެސް އެންމެ މުހިންމު އެއްޗަކީ އަޚުލާގު ކަމަށާއި، ފުޓްބޯޅައަކީ ވަކިން ޚާއްސަކޮށް ވަކި އަޚުލާގީ މިންގަނޑުތަކެއް ތިމާގެ ގައިގާ އަށަގަންނަވަން ޖެހޭ ކުޅިވަރެއް ކަމަށެވެ.

"ޕޮލިސް ޔޫތު ޗެލްންޖް ކަޕަކީ މާލޭގައި މިހާރު އުޅޭ ޒުވާނުން އެއްބައިވެ، ފުޓްބޯޅައިގެ ރިވެތި އުސޫލުތަކާ އެއްގޮތަށް އެކުވެރި މާހައުލެއްގައި މަޖާކޮށްލަން ލިބޭ ފުރުސަތެއް. ފުޓްބޯޅައަކީ ހަގީގަތުގައި މީހެއްގެ ގައިގައި ރިވެތި އަހުލާގީ ސިފަތަށް އަށަގަންނުވަން ވަރަށް ބޮޑަށް އެހީވެދޭ ކުޅިވަރެއް. އަދި ފުޓްބޯޅަ ކުޅުމުގައި ރަނގަޅު އަހުލާގީ ސިފަތަކެއް ތިމާގެ ގައިގާ ހުރުމަކީ ކޮންމެހެންވެސް ބޭނުން ކަމެއް،" ޓޮމް ވިދާޅުވިއެވެ.

ޓޮމްގެ ވާހަކަފުޅުގައި އޭނާގެ ފުޓްބޯޅަ ހަޔާތުގައި ދިމާވި ބައެއް ކަންކަމަށް އަލިއަޅުވާލަމުން، ރަނގަޅު އަހުލާގީ ސިފަތަކެއް ގެންގުޅުމުން ލިބޭ ފައިދާތައް ފާހަގަކުރެއްވިއެވެ.

އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ގައުމީ ޓީމްގެ ކުރީގެ މެނޭޖަރު އަހުމަދު މަހުލޫފް ދެއްކެވިވާހަކަފުޅުގައި ޒުވާނުން ކުށުގެ ވެށިން ދުރުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި އޭނާ ވަނީ މުޖުތަމައުގައި ހިނގަމުންދާ ކަންކަމަށް ސަމާލުވެ، އެކަންކަމާ ދޭތެރޭ ވިސްނުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

"މުޖުތަމައުގެ ޒުވާނުންނަށް ޚާއްސަކޮށް ފުލުހުން ހިންގާ މިފަދަ ހަރަކާތަކަށް އަޅުގަނޑު ސާބަސް ކިޔަން. ނަމަވެސް މިފަދަ މުބާރާތެއްގައި މެޗެއް ކުޅެލާފަ ގެއަށް ދިޔުމުން އެކަން އެ ނިމުނީކީ ނޫން. މިޙާރު މުޖުތަމައުގައި ހިނގަމުންދާ ކަންކަމާމެދު ޒުވާނުން ވިސްނަން ޖެހޭ. އަދި އެކަންކަމުގެ ޒިންމާ ކޮންމެވެސް ވަރަކަށް ކޮންމެ ޒުވާނަކުވެސް އުފުލަން ޖެހޭ. ކޮންމެ ޒުވާނަކުވެސް އޭނާގެ އެކުވެރިއަކު ނުބައި މަގުން ދަންޏާ އޭނާއަށް ވިސްނަދީ އޭނާ ހަމަ މަގަށް އަޅުވަން އެހީތެރިވެދޭން ޖެހޭ،" މަހުލޫފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހު އިސްމާއިލްވެސް ވާހަކަފުޅުދެއްކެވިއެވެ. އެ ދެ ބޭފުޅުންގެ ވާހަކަފުޅުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި ބަޔަކަށް ވުމަށް ޒުވާނުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.