30 Dec 2014, 12:58
އެއާ އޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ހޯދުމަށް ބަލަމުން އަންނަ ކަނޑުގެ ސަރަހައްދުން މަރުވެފައިވާ 40 މީހެއްގެ ހަށިތައް ފެނިފައިވާ ކަމަށް އިންޑޮނޭޝިއާގެ ގައުމީ ޓީވީއާ ހަވާލާދީ އަލްޖަޒީރާ ބުނެފި އެވެ.
އިންޑިނޮޝީޔާގެ ނޭވީއާ ހަވާލާދީ ފްރާންސް 24 އިން ދެންމެ ބުނީ ބޯޓު ހޯދުގެ މަސައްކަތް ކުރަމުން ދިޔަ ކަނޑުގެ ސަރަހައްދުން އެ މީހުންގެ ހަށިތައް ނެގީ އިންޑޮނޭޝިޔާގެ މަނަވަރަކަށް ކަމަށެވެ.
އިންޑޮނޭޝިއާގެ ގައުމީ ޓީވީން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒިރާ އިން ކުރިން ބުނެފައި ވަނީ ކަނޑުމަތިން ގަބުރުތައް ފެނިފައިވާ ކަމަށާއި ކަނޑު އަޑިން މަތިންދާބޯޓެއްގެ ހިޔަނި ވެސް ފެނިފައިވާ ކަމަށެވެ.
މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މަތިންދާބޯޓް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޓީމުގެ ވެރިޔާ ވިދާޅުވެފައި ވަނީ މަތިންދާ ބޯޓްގެ ބައިތަކެއް ފެނިފައިވާ ކަމަށާއި އެގޮތުން ބޯޓުގެ "އެގްޒިޓް ޑޯ" ފެނިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ. އެއީ މޫސުން ގޯސްވުމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.
ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.