ތިލަފުށީ ފަރަށް އުރުނު އާގު ބޯޓް 22 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު "ސަން" އަށް ވިދާޅުވީ އިންޑިއާގެ "އެމްވީ މުތަ ޕައިނިއާ" ނަމަކަށް ކިޔާ އެ ބޯޓް ފަރަށް އެރުމުން އެ ސަރަހައްދުގެ 500 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ އަދަބެއްގެ ގޮތުގައި 22 މިލިއަން ރުފިޔާ އިން އެ ބޯޓު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"އީޕީއޭގެ ޓެކްނިކަލް ބޭފުޅުންނާއި ކޯސްޓްގާޑާއި މިއޮތޯރިޓީ އާ ގުޅިގެން ގެއްލުން ބެލީ، ބެލިއިރު ފަރުގެ 588 އަކަމީޓަރަށް ވަނީ ގެއްލުން ލިބިފައި،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓަށް މިހާރު އަންގާފައި ވަނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ނުވަތަ ބޭންކް ގެރެންޓީއެއް ދިނުމަށް ކަމަށެވެ. އެބޯޓަށް ރާއްޖެ އިން ފުރައިގެން ދެވޭނީ ފައިސާގެ ކަންކަން ހަމަޖެހިގެން ދިއުމުން ކަމަށް ނާފިޒް ވިދާޅުވި އެވެ.

އެބޯޓު ތިލަފުށީ ފަރަށް އެރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަމާ އައިލެންޑް ރިޒޯޓްގެ ކައިރީގައިވާ ފަރަކަށް އެރި ވިއެޓްނާމްގެ ބޯޓެއް ވެސް ވަނީ 508،572900 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭ ރާޅުގަނޑު ސަރަހައްދުގެ ފަރަށް އަރައިގެން، ޖޫރިމަނާކުރި، ސިލްވާ ކޮމްޕެނީގެ ކާގޯ ބޯޓު "އޮގަސްޓޯ ޝައުލްޓް"ގެ ޖޫރިމަނާ ހަތް ލައްކަ ޑޮލަރަށް ކުޑަކުރުމަށް ސަރުކާރުން އެއްބަސްވުމުން އެ ފައިސާ ވަނީ ދައްކާފަ އެވެ.