ރާއްޖޭގައި ވަޒީފާތައް އުފައްދަނީ ބިދޭސީންނަށް ނޫން ކަމަށާއި ވަޒީފާތައް އުފައްދަނީ ދިވެހިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލޭގެ ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިގެން ހިންގި ދަސްވާރު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރަން ކުރާ މަސައްކަތުގެ ދަށުން، "ދިވެހިންގެ ވަޒީފާތައް ދިވެހިންނަށް" އެ ޝިއާރުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ތަފާތު ދާއިރާތަކުން ވަޒީފާގެ ފުރުސަތު ހުޅުވާލަނީ ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ދޭން ނޫން ކަމަށާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ. އަދި ވަޒީފާ ލިބޭ ކޮންމެ ދިވެއްސަކީ ވަޒީފާއަށް ނުކުންނަން ކެރޭ ހީވާގި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"ކިތަންމެ މޮޅަށް މަސައްކަތް ކުރަން އެގުނަސް މަސައްކަތުގެ އަހުލާގެއް ހިފަހައްޓަން ޖެހޭ، އޭގެ މާނައަކީ މަސައްކަތަށް ނުކުންނަށް ކެރެންވާނެ، ސަލާން ބުނެގެނެއް ނުވާނެ، ބަލިވެއްޖެޔާ ޕެނެޑޯލާއި ޕެރެސެޓެމޯލާ އެހެން އެއްޗެހިވެސް ހުންނާނެ، ޖީބުގައި ގެންގުޅެން ޖެހޭ އެއްޗެހި އެއީ." މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ކުރި އެރުމަށް ކުރާ މަސައްކަތުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އޭގެ އެއް މަރުހަލާ ކަމަށެވެ.

"އިގްތިސާދަކީ ވަޒީފާ އަށް ދިވެހި ކުދިން ނެރުން. މީގެ ނަތީޖާއަކަށް ވެގެން ދާނީ އިދްތިސާދު ރަނގަޅުވެ، އިގްތިސާދުގައި ގިނަ ވަޒީފާތަކެއް [ހުޅުވިގެން ދިއުން]. އެހެން ނަމަވެސް މި މަސައްކަތަށް ކުރިމަތިލާނެ ގާބިލު ކުދިންތަކެއް ނެތް ނަމަ އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތުގައި ރަނގަޅު މަންފާއެއް ނުލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވަޒީފާގެ ފުރުސަތު ލިބޭ ފަރާތްތަކަކީ އުފާވެރި ބައެއް ކަމަށާއި އެހެންނަމަވެސް މިހާރު ދިވެހިރާއްޖޭގައި ކަންތައްތައް ހުރި ގޮތުން އެ އުފާވެރިކަމުގެ ނަސީބު ލިބެނި ވަރަށް މަދު ބަޔަކަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަޒީފާގެ މައިދާނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށް ވިދާޅުވި އެވެ. އަދި ދަސްވާރު ޕްރޮގްރާމްގެ ބޭނުމަކީ މަސްކަތް ކުރަން ކެރޭ މަސައްކަތަށް ގާބިލު ޒުވާނުންތަކެއް ބިނާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ.

ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވެ ދަސްވެނިވި ދަރިވަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދަސްވާރު ޕްރޮގްރާމުން ލިއްބައިދިން އެއް ފިލާވަޅަކީ ދަރިވަރުންގެ ހުނަރުވެރި ކަމުގެ މައްޗަށް ހޯދައިދިން އިތުބާރުކަމަށެވެ. އަދި އޯލެވެލް ނިންމާއިރު މަސައްކަތެއް ނުލިބި ހުންނަށް ނުޖެހޭނެ ކަން މިއަދު ދަސްވާރު ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެ ދަސްވެނިވި ދަރިވަރުންނަށް ކަށަވަރު ވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އޯލެވެލް ނިންމާފައި ކުދިން އިންތިޒާރުކުރޭ ވަޒީފާ އަށް، ސްކޫލް ނިންމާފައި ޖޮބް އިންޓަވިއުއަށްދާ އިރު، ތިޔަ ކުދިންނަށް ކާމިޔާބު ވާނެތޯ، ނޫނިއްޔާ ކިހާ އަވަހަކަށްތޯ ފުރުސަތު ލިބިގެން ދާނީ، މި އިންތިޒާރުގައި ހާސްކަން މަތީ ތިބެން ނުޖެހޭނެ ކަން މިއަދު ދަސްވާރުވި ދަރިވަރުންނަށް އެނގޭނެ." ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ކުދިންނަކީ ފޮތުން އުނގެނޭ ތައުލީމު އެންމެ މޮޅަށް އެނގޭނެ ކުދިން ނޫން ކަމަށެވެ. އަދި ދަސްވާރު ޕްރޮގްރާމްގައި ބައިވާރިވާ ކުދިން އެއީ ދަށް ކިޔެވެއްޔެއް ކަމަށް ގާބޫލުނުކުރުމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.