ސްޓޭޝަނަރީ ވައުޗާ ބޭނުންކުރައްވައިން ނޮވެލްޓީ ބުކްޝޮޕުން ވިޔަފާރި ކުރައްވާ ފަރާތަކަށް އަމާޒުކޮށް އެ ބުކްޝޮޕުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް ސެމްސަންގް ގެލެކްސީ އެޑްވާންސް ފޯނު ހަވާލުކޮށްފިއެވެ.

އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް ގުރުއަތުން ހޮވުނީ އުމުރުން ހަތް އަހަރުގެ ކުއްޖެއް ކަމުގައިވާ ސ. މީދޫ ހާވާސާ މަރިޔަމް ރާޔާ އެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ މިއަދު ނޮވެލްޓީ ބުކްޝޮޕްގައި ބޭއްވި ހަފްލާއެއްގައި އެ ބުކްޝޮޕްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަޝީދު އެވެ.

އިނާމް ދިނުމުގެ ހަފްލާއަށްފަހު އެ ޕްރޮމޯޝަނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވީ އެ ޕްރޮމޯޝަނަކީ ސްޓޭޝަނަރީ ވައުޗާ ބޭނުންކޮށްގެން އެ ބުކްޝޮޕުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ހަފްތާގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލައި އެ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޮވެލްޓީ ވައުޗާ ޕްރޮމޯޝަންގެ އިތުރުން އެ ބުކްޝޮޕުން މިފަހަރުގެ ބުކް ސީޒަނާ ދިމާކޮށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ޕްރޮމޯޝަނެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ނޮވެލްޓީ ބުކްޝޮޕުން 200 ރުފިޔާގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭ އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައި ވާއިރު، އެ ޕްރޮމޯޝަންގެ ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 30،000 ރުފިޔާ އާއި 20،000 ރުފިޔާ ދޭން ހަމަޖެހިފައެވެ.