30 Dec 2014, 12:20
އއ. މާޅޮހުގައި ވެލާ ހިފައި ފަޅައި އަދި އޭގެ މަސް އަދި ބިސް ފަދަ ތަކެތި ކެއުމަށް ބޭނުންކުރާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ ވެލާ ފަދަ ހިމާޔަތްކޮށްފައިވާ ތަކެތި ކެއުމަށް ބޭނުންކުރާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށާއި އެގޮތުން މާޅޮހުގައި ވެލާ ފަޅައި ކޭ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
"މާޅޮހު މައްސަލާގައި އެބައުޅޭ ފޮޓޯތައް އެފެޅި މީހުންގެ ވެސް، ފުލހުން މެދުވެރިކޮށް މިދަނީ ވަރަށް ސީރިއަސް މައްލައެއްގެ ގޮތުގައި މިމައްސަލަ ބަލަމުން." ނައީމް ވިދާޅުވި އެވެ.
ރާއްޖޭގައި ވެލައި ހިފުމަކީ ގާނޫނުން މަނާ ކަމެކެވެ.
ނައީމު ވިދާޅުވީ އެފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށް ނުރައްކާވެ އޭގެ ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ރާއްޖެ އަށް ހުތުރު ނަން ލިބިގެންދާ ކަމަށެވެ.
އެމައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ފެންމަތިވުމާއެކު ފުލުހުން އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
މާޅޮހު ރައްޔިތުންތަކެއް ވެލައެއް ފަޅާއިގެން، އޭގެ ބިސް ނެގުމަށް ހަރަކާތްތެރިވާ ފޮޓޯތަކެއް ފޭސްބުކްގައި ވަނީ އާންމުވުވެފަ އެވެ. ފޭސްބުކްގައި އިއްޔެ މީހަކު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ބަޔަކު ވެލައެއްގެ ފައިގާ ވާޖަހައިގެން ނެގުމަށް ފަހު، އޭތި ފަޅާލާ މަންޒަރެވެ. އަދި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ވެލާގެ ތެރެއިން ބިސް ނަގައި އޭގެ މަސް ކޮށާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ. ވެލާގައި ހިމެނޭ ސަރުބީގަނޑު ނެގުމަށް ފަހު ކައްކާ މަންޒަރާއި ވެލާ މަސް ކެއްކުމަށް ފަހު ހުންނަ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.
އެމައްސަލާގައި އެކަން ކުރި ފަރާތްތަކަށްދޭ އަދާބާއި ގުޅޭ ގޮތުން ސުވާލުކުރުމުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ މީޑިއާ އަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.