ރާއްޖެއާ އެކު އޮތް ގުޅުމާއި މެދު ޗައިނާ އޮތީ ހިތްހަމަ ޖެހިފައި ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ފޫކާން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިންގެ އަނބި ކަނބަލުން ޕެން ލިޔުއާން ރާއްޖެ އަށް ހަދިޔާކުރެއްވި ސަގާފީ ތަކެތި ރާއްޖެއާ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ ޗައިނާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ކަމަށެވެ. ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާ ފަދަ އެކުވެރި ކަމެއް އާލާ ކުރުމަށް ދެލީޑަރުން އެދަތުރުފުޅުގައި ނިންމެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... މުސްތަގުބަލަށް ވިސްނައިގެން، އާ ހަރުފަތަކަށް ދެގައުމުގެ ގުޅުން ކުރިއަށް ގެންދެވޭ ފަދަ އެކުވެރިކަމެއް ގާއިމްކުރުމަށް އެދަތުރުފުޅުގައި ދެލީޑަރުން ނިންމެވި. ދެގައުމުގެ ގުޅުމާއި މެދު ޗައިނާ ސަރުކާރު އޮތީ ވަރަށް ހިތް ހަމަ ޖެހިފައި،" ފޫކާން ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެ އަށް މިއަދު ދިން ސަގާފީ ހަދިޔާތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެމްބެސެޑަރު އެޓް ލާޖް އަހުމަދު މުޙައްމަދެވެ. އެ ހަދިޔާތަކާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވެސް އޭނާ އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަފީރު ވާން ފޫކާން އެވެ.

ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން އަހްމަދު މުހައްމަދު ވިދާޅުވީ ޗައިނާ އިން މިއަދު ރާއްޖެއާ ހަވާލުކުރި ސަގާފީ ތަކެއްޗަކީ ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ޒީގެ އަނބި ކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމުގެ އަނބި ކަނބަލުން ފާތިމަތު އިބުރާހީމްއާއި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި އެއްބަސްވެވަޑައިގެންފައިވާ ގޮތުގެ މަތިން ހަދިޔާ ކުރި ތަކެތި ކަމަށެވެ. އަދި ވިދާޅުވީ އެތަކެއްޗާ މެދު އަމަލު ކުރައްވާނީ ރާއްޖެ އަށް ލިބޭ ހަދިޔާއާ މެދު އަމަލުކުރަން އޮންނަ އުސޫލުން ކަމަށެވެ.

"...ރާއްޖެ އަށް ހަދިޔާ ކުރާ އެއްޗިއްސާ މެދުގައި އަމަލުކުރާނެ ގޮތެއް އޮވޭ އެހެންނޫންތޯ؟ އެގޮތުގެ މަތިން އަޅުގަނޑުމެން އަމަލުކުރާނީ. އަޅުގަނޑުމެން ފޮނުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއެއްޗިއްސާ ބެހޭ ގޮތުން ގޮތެއް ނިންމަވާނީ،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ރައީސްގެ އަނބިކަނބަލުން ޕެން ލީޔުއާން ރާއްޖެއަށް ފޮނުއްވި ތަކެތީގެ ތެރޭގައި ހިމެނެނީ އެގައުމުގެ ސަގާފަތް ދައްކުވައިދޭ ތަކެތީގެ ތެރޭގައި ހިމެނެނީ ބައެއް އަންނައުނާއި ލިއުންތަކަކާއި މިއުޒިކް ކުޅޭ ސާމާނުތަކެކެވެ.