ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން، އަހަރު ދުވަހުގެ ތެރޭގައި 0.35 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓޭޓިސްޓިކްސް އިން ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓޭޓިސްޓިކްސް އިން މިއަދު އާންމު ކޮށްފައިވާ ވޭތުވެދިޔަ ނޮވެމްބަރު މަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިއަހަރުގެ އެމުއްދަތައް އަހަރު ދުވަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް ވަނީ 0.35 ޕަސެންޓަށް މައްޗަށް އަރާފައެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓް ހުރީ 0.87 ޕަސެންޓް މަތީގައެވެ. ނޮވެމްބަރު މަހަށް އެކަނި ބަލާއިރު އިންފުލޭޝަން ރޭޓް ވަނީ 0.39 ޕަސެންޓް ދަށަށް ގޮސްފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓަށް ބަލާއިރު އެންމެ މައްޗަށް ގޮސްފައި ވަނީ ދުންފަތާއި ދުމުގެ ބައިންނެވެ. އެގޮތުން އެ ބައިން ރާއްޖޭގެ އިންފްލޭޝަން ރޭޓް 6.93 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ހޮޓާކެފޭ ރެސްޓޯރެންޓުގެ ބައިން ވަނީ 6.12 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ތައުލީމީ ބައިން ވަނީ 5.20 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އަހަރު ދުވަހުގެ ތެރެގަިއ އިންފުލޭޗަންއަށް ބަލާއިރު އެންމެ ބޮޑަށް ދަށަށްގޮސްފައިވަނީ ކާބޯތަކެތީގެ ބައިންނެވެ. އެބައިން ވަނީ 2.90 ޕަސެންޓު ދަށަށް ގޮސްފައެވެ. އަދި ކުޅިވަރާއި ސަގާފީ ކަންތަކުގެ ބައިން ވަނީ 0.75 ޕަސެންޓު އިންފުލޭޝަން ދަށަށް ގޮސްފައެވެ.